ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް އޭދަފުށި

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް އޭދަފުށީ ފުޓްސަލް ޓީމު ދަތުރުކޮށްފި އެވެ. އޭދަފުށި ސެމީގެ ޖާގައެއް ހޯދީ ވާދަވެރި ރ. އިނގުރައިދޫއާ ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި ކްލަބް އީގަލްސްގައި ހިމެނޭ އޭދަފުއްޓަށް އުފަން ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން އާއި އަލީ ފާސިރު (ސެންޓޭ) ކުޅެފައެއްނުވެ އެވެ.

1-1 އިން އެއްވަރުވިއިރު މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ އިނގުރައިދޫންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. އޭދަފުށިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ ކުރީކޮޅު ހާފިޒު އަހުމަދު ވައްދާލި ގޯލުންނެވެ. މި ގޯލަށް ފަހު މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް އެޓިމަށް ތަނަވަހެއް ނުކުރެވުނެވެ. އަނެއްކޮޅުން ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) ހުއްޓުވުމުގައި އޭދަފުށީ ޓީމުގެ އިޝާން އިބްރާހީމް (ސައްޓު) ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި އޭދަފުށިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެޓީމަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އާއި އުނައިސް ޒުބައިރުގެ އިތުރުން ހާފިޒު އަހުމަދު އަދި އަލީ ނަސީމް އެވެ.

އިނގުރައިދޫ މެޗުން ބަލިވީ ހަތަރު ވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އިނގުރައިދޫގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރީ އައިހަމް އާއި އަހުސަމް އަލީ އަދި ހާއްޕެ އެވެ. އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ އަލީ ފާތިހު ޖެހުމުން އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ވަނީ މަތަކޮށްފަ އެވެ. އޭދަފުށި ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު ވެސް ހދ. ނައިވާދޫ ޓީމުން ޖެހި ޕެނަލްޓީއެއް ނާސިހު ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.
އޭދަފުށި ވަނީ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައި ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ހދ. ނައިވާދޫ ބަލިކޮށްފަ އެވެ. ރޭގެ މެޗުން މޮޅު މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު މިދިޔަ އަހަރު ވެސް އޭދަފުށި ވަނީ ސެމީގައި ކުޅެފަ އެވެ. އެކަމަކު ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވީ އެވެ.

ސެމީގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ރޭ 3-2 އިން ކ. ގުރައިދޫގެ މައްޗަށް ކާމިޔާބު ހޯދި ށ. ގޮއިދޫ އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި އޭދަފުއްޓާއި ގޮއިދޫ ވާދަކުރާ މެޗު ކުޅޭނީ މާދަމާ ރޭ 8:15 ގަ އެވެ. 9:15 ގައި ފަށާ ދެ ވަނަ ސެމީގައި ތ. ތިމަރަފުއްޓާއި ލ. ގަން ވާދަކުރާނެ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވިއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.