ގޯލްޑެން ފުޓްސަލް ޗެލެންޖް: އޭދަފުށި ބަލިކޮށް ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތ. ތިމަރަފުށި ހޯދައިފި އެވެ.

ތިމަރަފުށި ޗެމްޕިއަންކަން ހޯދީ ރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގައި 5-2 އިން ބ. އޭދަފުށި ބަލިކޮށްގެންނެވެ. މި ކާމިޔާބީއާ އެކު ތިމަރަފުށި ވެފައިވަނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

2015ވަނަ އަހަރު ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ބ. ހިތާދޫ އެވެ. 2017 ވަނަ އަހަރު ހެންވޭރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިދިޔަ އަހަރު ތަށި ހޯދީ މާފަންނު އެވެ.

މިރޭގެ މެޗަށް އޭދަފުށިން ނުކުތީ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) ނުލަ އެވެ. ސައްޓު މިވަގުތުވީ ބަންގްލަދޭޝްގައި މިއަދު ފެށި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބާއެކު އެ ގައުމުގަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމަށް މިރޭ ހަތަރު ގޯލު ޖަހައިދިން މުނީޒް އެވެ. މި އަހަރުގެ ބެސްޓް ސަޕޯޓިން ޓީމުގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ސެމީ ފައިނަލުގައި ބަލިވި ށ. ގޮއިދޫ ޓީމަށެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ލ. ގަން ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އޭދަފުށީގެ ސޮބީ އަދި ތިމަރަފުށީ ޓީމުގެ ގަބޭ އާއި ރޮނާގެ އިތުރުން ށ. ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ތިން ކުޅުންތެރިއަކު ވަނީ ހޯދައިފަ އެވެ. މި މަގާމް ހޯދީ ރ. އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އަދި ގއ. ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއު އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ 12 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އޭދަފުއްޓަށް އިރުޝާދުދިން މުހައްމަދު ޝައްފާޒް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމުގެ ގަބޭ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އެއީ 62 ރަށުންނާއި މާލޭގެ ހަތަރު އަވަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.