ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް އޭދަފުށިން ދިފާއުކޮށްފި އެވެ.
ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް އޭދަފުށި ނުކުތީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު އޭދަފުށި މެޗުން މޮޅުވީ ޓައިގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން ގޭމް ކާމިޔާބު ކޮށްގެންނެވެ.
ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މިދިޔަ އަހަރު ވެސް ހޯދީ އޭދަފުށިންނެވެ. އެ ޓީމުން ވަނީ ފަސް ފަހަރު ބެޑްމިންޓަން އަތޮޅު ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ޖެހިޖެހިގެން ތިން އަހަރު މުބާރާތް ކާމިޔާބުކޮށް ތަށި މިލްކު ވެސް ކޮށްފައެވެ.
މި މުބާރާތުގައި ދެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ. އޯޕަން އިވެންޓް ގައިވެސް ކްލަބް އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.