ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ކިހާދޫ އަތުން 3-2 އިން މޮޅުވެ ގޮއިދޫ ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު އަބްދުﷲ އަފާފު ކާމިޔާބުކޮށްދިންއިރު، އަނެއް ދެ ލަނޑު ޖަހައިދިނީ އިބްރާހީމް ނާފިޒު އެވެ.
ފުރަތަމަ ހާފުގައި ގޮއިދޫން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފުގައި ކިހާދުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުގެ ފުރަތަމަ ގޯލް 65 ވަނަ މިނެޓުގައި ހުސެއިން ހަނާން ޖަހައިދިންއިރު، ދެވަނަ ގޯލް 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫގެ އަލީ ޖަޒްލާން އެވެ.
ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ކެންދޫ އެވެ.