ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކެންދޫ ޓީމުގެ މައްޗަށް 4-0 އިން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ސެމީފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން އޭދަފުށި ވަނީ ދޮންފަނާ ވާދަކޮށް 3-3 އިން އެއްވަރުވެފައެވެ. އެ ޓީމު މިއަދު ކެންދޫ އަތުން މޮޅުވުމުން ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ކެންދުއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، އެއް މެޗު ކުޅެ ތިންވަނައިގައި އޮތް ދޮންފަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ދަރަވަންދުއަށް ޕޮއިންޓެއް ނުލިބެއެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މިއަދު އޭދަފުށީ ޓީމަށް އަލީ ނަސީމު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ކާމިޔާބުކުރީ މިމްރާހު އަބްދުލް އަޒީޒު އާއި މުހައްމަދު ހަންމާދު އެވެ. މޮޅު ކުޅުންތެރިއަކީ އޭދަފުށީ ޓީމުގެ އުނައިޝް ޒުބައިރު އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ދޮންފަނު ބައްދަލުކުރާނީ ދަރަވަންދޫ އާ އެވެ.