ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ދޮންފަނު އަތުން 2-1 އިން ދަރަވަންދޫ މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ދަރަވަންދޫ ވަނީ ގޯލްގެ ތަފާތުން ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ އަށް ޖެހިލާފަ އެވެ. ތިން ވަނައިގައި ކެންދޫ އޮތް އިރު، ހަތަރު ޕޮއިންޓާއެކު މި ގްރޫޕްގެ އެއްވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ދަރަވަންދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކުރީ ހުސައިން ޔައުރިފް އާއި މުހައްމަދު ސިނާނެވެ. ދޮންފަނު ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހުސައިން ހާޒިހު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނު ޓީމުގެ މުހައްމަދު ރީހާނެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. ބައްދަލުކުރާނީ ކިހާދޫ އާއި މާޅޮހެވެ.
ދޮންފަނު އިންވިޓޭޝަން ކަޕަކީ ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް، ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ.