އޭދަފުށިން ދޮންފަނު އިންވިޓޭޝަން ކަޕް ދިފާއުކޮށްފި

އޭދަފުށީ ފުޓްބޯޅަ ޓީމު (ވެލާ ސްޕޯޓްސް) ޗެމްޕިއަން ޓްރޮފީއާއެކު – އީޓީ ފޮޓޯ/ޝިމްހާދު

ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބޭއްވި ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުގެ ނަމުގައި އޭދަފުށިން ވާދަކުރި ޓީމުން ހޯދައިފި އެވެ. ފައިނަލުގައި މުބާރާތް ބާއްވާ ދޮންފަނާ ވާދަކޮށް އޭދަފުށި މެޗު ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ.


މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު އޭދަފުށި ހޯދީ ފައިނަލުގައި ކިހާދޫ ބަލިކޮށްގެންނެވެ. ޗެމްޕިއަންކަމާއެކު އޭދަފުށި ވެފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ރަށަށެވެ. މި މުބާރާތް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ކިހާދޫ އެވެ. ޖެހިގެން އައި އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ.


މިއަދުގެ މެޗުގައި ސަޕޯޓް ކުރުމަށް އޭދަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ކައިރި އެހެން ރަށްރަށުގެ މީހުން ވެސް ވަނީ ދޮންފަނަށް ގޮސްފަ އެވެ.


މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ފުރަތަމަ ހަމަލާ ފަސް ވަނަ މިނެޓުގައި ފޮނުވާލީ އޭދަފުށީ ޓީމުގެ މުހައްމަދު ޔަމާން އެވެ. ޔަމާން ހާފު މެދުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. އޭގެ އިރުކޮޅެއް ފަހުން ދޮންފަނުން އުފެއްދި ހަމަލާއެއްގައި އެޓީމުގެ މުހައްމަދު ނަބީލް ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. ދޮންފަނުގެ ހަމަލާއަށް ފަހު އޭދަފުށިން މެޗުގައި ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓުގައި އިބްރާހީމް ޝަރީފް (ލުއްޑަ) ޖަހައިދިން ގޯލުންނެވެ. މިއީ އަމިއްލަ ހާފުން އޭދަފުށީގެ ކުޅުންތެރިއަކު މަތިމަތިން ފޮނުވާލި ބޯޅަ ދޮންފަނު ޓީމުގެ ގޯލްކީޕަރު އިބްރާހީމް ޒަޔާން ބޯޅައަށް އެރި ވަގުތު ފެނު ޖެހިފައި ބޯމަތިން ދިއުމުން ހުހަށް ލިބުނު ފުރުސަތެއްގައި ލުއްޑަ ކާމިޔާބުކުރި ގޯލެވެ. ކީޕަރު ބޯމަތިން ދިއުމުން ލުއްޑަ ގޯލުގެ ތެރެއަށް ފޮނުވާލީ ވަރަށް ހުށިޔާރުކަމާއެކު އެވެ.

އޭދަފުށިން ލީޑު ނެގުމުން ދޮންފަނުން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް ގިނަކޮށްފަ އެވެ. ދޮންފަނު ޓީމުން މެޗުގައި ގޯލު ޖެހީ ޖެހުމަކުން އުފެއްދި ހަމަލާއެއްގައި 16 ވަނަ މިނެޓުގައި އަހުމަދު އިފްހާމް އެވެ. އޭރިޔާ ތެރެއިން އިފްހާމަށް ލިބުނު ބޯޅަ ފޮނުވާލުމުން ވަނީ ގޯލުގެ މެދަށެވެ. ދޮންފަނުން ވަނީ ލީޑު ނެގުމަށް ފަހު ނުރައްކާތެރި އިތުރު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެޓީމުގެ އިބްރާހީމް އިރުޝާމް ފޮނުވާލި ނުރައްކާތެރި ބޯޅަ އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު މަތަކުރިއިރު އޭގެ އިރުކޮޅެއް ފަހުން އިފްހާމް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު އޭދަފުށީގެ ހުސައިން ޝަރީފް ފޮނުވާލި ބޯޅައެއް ގޯލު ހުރަސްވެގެން ދިޔައިރު އޭގެ އިރުކޮޅެއް ފަހުން އޭދަފުށީ ޓީމުގެ އުނައިސް ޒުބައިރު ފޮނުވާލި ބޯޅަ ދޮންފަނު ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އޭދަފުށީ ޓީމުގެ އަލީ ނަސީމް ފޮނުވާލި ހިލޭ ޖެހުން ދޮންފަނު ޓީމުގެ ކީޕަރު ޒަޔާން މަތަކުރިއިރު އޭގެ ފަހުން ލުއްޑަ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން އޭދަފުށިން ވަނީ މޮޅަށް ކުޅެ ދޮންފަނުގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. މިހާފުގައި ދޮންފަނުން ބޮޑަށް މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފައްދާށެވެ. ދެ ވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި އޭދަފުށީގެ ފޯވާޑް މިމްރާހް އަބްދުލްއަޒީޒް އަށް އަނިޔާވުމުން ބަދަލުގައި އަހުމަދު އަފްނާން ވަނީ ކުޅެން އަރުވައިފަ އެވެ. މި ހާފު ފަށައިގެން އޭދަފުށިން ނެގި ކޯނަރެއް އަލީ ނަސީމް ބޮލުން ޖެހުމުން ކީޕަރު ޒަޔާން ހިފެހެއްޓިއިރު އިރުކޮޅެއް ފަހުން ދޮންފަނު ޓީމުގެ ޑިފެންޑަރު އަހުމަދު ޒަޔާން ފޮނުވާލި ބާރު ޖެހުމެއް ކީޕަރު އަޖުފާން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. ދޮންފަނުގެ ހަމަލާއަށް ފަހު އޭދަފުށީ ޓީމުގެ އުނައިސް ޖެހި ބޯޅަ ބާރެއް ނެތި ދިޔައީ ކީޕަރު ޒަޔާން އަތަށެވެ. ދެ ވަނަ ހާފުގެ 25 ވަނަ މިނެޓުގައި އޭދަފުށީ ޓީމުގެ ލުއްޑަ ދޮންފަނު ޓީމުގެ ދެ ކުޅުންތެރިން ކަޓުވާލުމަށް ފަހު އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ޒަޔާން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން އޭދަފުށީ ޓީމުގެ އަފްނާން ކޯނަރެއްގައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
މެޗުގެ ފަހުކޮޅު އޭދަފުށިން ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތް ކުރިނަމަވެސް ދޮންފަނު ޓީމުން ވަނީ އޭދަފުށީގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ދޮންފަނުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. އޭދަފުށިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އޭދަފުށީ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ޝިޔާން އާއި އަލީ ނަސީމް އަދި ޔަމާން އެވެ. އޭދަފުށީ ޓީމުގެ މުހައްމަދު ހައްމާދު ޖެހި ޕެނަލްޓީ ކީޕަރު ޒަޔާން މަތަކުރިއިރު ލުއްޑަ ޖެހި ޕެނަލްޓީ ޖެހުނީ ހުރަސް ދަނޑީގަ އެވެ. ދޮންފަނު ޓީމުގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އިފްހާމް އާއި މުހައްމަދު ރީހާން ޖެހި ޕެނަލްޓީ އެވެ. އެޓީމުގެ އިބްރާހީމް ޝުހައިލް ޖެހި ޕެނަލްޓީ އޭދަފުށީގެ ކީޕަރު އަޖުފާން ހިފެހެއްޓިއިރު އަހުމަދު ޒަޔާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދޮންފަނު ޓީމުގެ ފަހު ޕެނަލްޓީ އަލީ ޝަރީފް ޖެހުމުން ދިޔައީ މާ މަތިން ބޭރަށެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ލުއްޑަ އެވެ. މުބާރާތުގައި ލުއްޑަ ވަނީ މޮޅު ކުޅުމެއް ދައްކައި 6 ގޯލު ޖަހައިފަ އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ދޮންފަނު ޓީމުގެ ގޯލު ބެލެހެއްޓި ޒަޔާން ހޯދިއިރު އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ދޮންފަނު ޓީމުގެ އިސްމާއީލް ލިއާޒް އެވެ. ފެއަރ ޕްލޭ ޓީމަކަށް ރަނަރަޕް ދޮންފަނު ޓީމު ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަގާމް ލިބުނީ ކިހާދޫ ޓީމުގެ ކެޕްޓަން ހުސައިން އީމާންއަށެވެ.

މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިބްރާހީމް އިސްމާއީލް އެވެ. މީގެ އިތުރުން ދޮންފަނުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވަނީ ބައިވެރިވެޑައިގެންފަ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ރަށަކުން ވާދަކުރިއިރު މުބާރާތުގެ މެޗުތައް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އޭދަފުއްޓާއި ދޮންފަނުގެ އިތުރުން ސެމީ ފައިނަލުގައި ވާދަކުރީ ގޮއިދޫ އާއި ކިހާދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.