ފުޓްބޯޅަ އާއި ބެޑްމިންޓަންގެ ވައިޑީޕީ ޕްރޮގްރާމެއް ފަށަނީ

ބ. އޭދަފުށީގައި ފުޓްބޯޅަ އާއި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ކްލަބް އޭދަފުށިން ވައިޑީޕީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ އޭދަފުށިން ވަނީ ބެޑްމިންޓަނުން ވެސް އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވުމުގެ ޕްލޭނަކާ އެކު އެކެޑަމީ އެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

ދެ ޖިންސުގެ 6 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ބާއްވާ މި އެކަޑަމީގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކްލަބުން ބުންޏެވެ.

ކްލަބް އޭދަފުށިން ބުނީ އެ ކްލަބުގެ އަމާޒަކީ ފުޓްބޯޅަ އެކޭ އެއްގޮތަށް ގައުމީ ފެންވަރުގެ އިތުރު ބެޑްމިންޓަން ކުޅުންތެރިން ވެސް އޭދަފުށިން އުފެއްދުން ކަމަށެވެ.

“އަމާޒަކީ އެކެޑަމީ އިން ފެންވަރު ރަނގަޅު ކުޅުންތެރިން އުފެދި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންނަށް ކުޅެވޭނެ މަގެއް ތަނަވަސްކޮށްދިނުން. ފުޓްބޯޅަ އެކަޑަމީއާއެކު ބެޑްމިންޓަން އެކެޑަމީ ވެސް އަންނަ ޖެނުއަރީގައި ފަށާނަން،” އޮފިޝަލް ވިދާޅުވި އެވެ.

ކްލަބް އޭދަފުށިން ފުޓްބޯޅަ އާއި ބެޑްމިންޓަން އެކަޑަމީއެއް ފަށަށް ތައްޔާރުވަމުން އަންނައިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ވެސް އަންނަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ގްރާސްރޫޓްސް ފުޓްބޯޅަ އެކަޑަމީއެއް ހިންގަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައާ ހާއްސަ ގުޅުމެއް އޮންނަ އޭދަފުއްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. މިހާރު ވެސް ގައުމީ ފުޓްބޯޅަ ޓީމުގައި މިރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެބަތިއްބެވެ. އަދި ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުގައި ވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ.

މީގެ އިތުރުން ބެޑްމިންޓަނުން ވެސް އޭދަފުށި އަންނަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން ބެޑްމިންޓަން އަތޮޅު ލީގު ފަސް ފަހަރު ކާމިޔާބުކުރިއިރު، ދެވަނަ ޑިވިޝަން ދެ ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.