އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަނީ

އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި ކުޅެނީ. އޭދަފުށީގައި 18 އަހަރުން ދަށުގެ ލީގެއް ފަށަށް ދަނީ ތައްޔާރުވަމުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭދަފުށީގައި ގާއިމުކޮށްފައި ހުންނަ ޒޯން ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމުކޮށްގެން އޭދަފުށީގައި 18 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ބާއްވަން ނިންމައިފި އެވެ. މިއީ މިފަދަ ގޮތަކަށް އުމުރުފުރައަށް އަމާޒުކޮށްގެން އޭދަފުށީގައި ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ އޭދަފުށީގައި ޒުވާން ކުދިންނަށް އަމާޒުކޮށްގެން ލީގެއް ބާއްވަން ނިންމީ މެޗު ތަޖުރިބާ ކުދިންނަށް ހޯދައިދިނުން ކަމަށެވެ. މި ލީގުގައި އޭދަފުށިން ހަތަރު ޓީމެއް އެކުލަވާލާއިރު އެކަން ކުރާނީ ޑިވެލޮޕްމަންޓް އޮފީހުންނެވެ. މި ހަތަރު ޓީމުގެ މެދުގައި ބާއްވާ ލީގުގެ ކުޅުން ފަށަން ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. ލީގުގެ ކުޅުން ނިމޭނީ އަހަރުގެ ފަހުކޮޅު އެވެ.

“މައިގަނޑު ބޭނުމަކީ ކުދިންނަށް މެޗް އެކްސްޕީރިއެންސް ހޯދައިދިނުން. އެއީ ހަމައެކަނި ޕްރެކްޓިހުން ކުރިއެރުމެއް ނުލިބޭނެ. މިއާއެކު ކުޅުންތެރިންގެ އަހްލާގް ހިފެހެއްޓުން ވެސް މި ލީގުގެ މުހިއްމު ބޭނުމަކަށް ވާނެ” ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި މިހާރު ރަށު ފުޓްބޯޅައިގައި އަމަލީގޮތުން މަސައްކަތްކުރާ ބައްޓޭ ބުންޏެވެ.

މި ލީގުގެ މެޗުތައް ކުޅޭނީ ކޮންމެ ހަފްތާ ބަންދެއްގަ އެވެ. ލީގުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ގެންދާއިރު ދަރިވަރުންގެ އެކަޑެމިކް ކަލަންޑަރަށް ބަލާނެ ކަމަށް ބައްޓޭ ބުންޏެވެ. އަދި، އޯލެވެލް ނިމިފައި ތިބި ކުދިން ވެސް ވަކި އުސޫލެއްގެ ދަށުން ޓީމުތަކުގައި ހިމެނުމަށް މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. މި ލީގުގައި ކުޅޭނީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޝީލްޑް ދޭއިރު ކޮންމެ މަހަކު އެންމެ މޮޅު ކުޅުންތެރިޔާ އާއި ލީގުގެ މޮޅު ކުޅުންތެރިޔާ އަދި ޑްރީމް ޓީމް ހޮވަން ވަނީ ނިންމައިފަ އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރ މުހައްމަދު ޒާހިދު (ބައްޓޭ)

“އޯލެވެލް ނިންމާފައި ތިބޭ ކުޅުންތެރިންނަށް ބެލުމަށް ފަހު ކޮންމެ ޓީމަކަށް ތިން ކުޅުންތެރިއަކު އިތުރުކުރާނެ. ކުޅުންތެރިން ހޮވާނީ މިހާރު ކުރިއަށްދާ ޕޫލްގެ ތެރެއިން. އެކަމަކު ލީގުގައި ކުޅުންތެރިން ކުޅޭއިރު ވަރަށް ބޮޑަށް ޑިސިޕްލިން އަށް ބަލާނެ” ބައްޓޭ ބުންޏެވެ.

ކުޅުންތެރިން އަހްލާގް ހިފެހެއްޓުމަށް ސްކޫލް އެޓެންޑެންސް އަށް ބަލާނެ ކަމަށާއި އަދި އަހްލާގީ މައްސަލަތަކަށް ވެސް ބަލަން ވަނީ ނިންމައިފަ އެވެ. ބައްޓޭ ބުނީ އެކަން ކުރާނީ ސްކޫލާ ގުޅިގެން ކަމަށާއި އަހްލާގީ ފެންވަރު ނުހިފެހެއްޓޭ ކުދިން ޓީމުން ބާކީކުރުން ފަދަ ކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ކުރާނީ ކުޅުންތެރިންނަށް ހުރިހާ މައުލޫމާތެއް ކިޔައިދިނުމަށް ފަހުގައި ކަމަށް ބައްޓޭ ބުންޏެވެ.

އޭދަފުށީގައި ގާއިމްކޮށްފައި ހުންނަ އޮފީހުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ލީގުގައި އަތޮޅުގެ އެހެން ރަށްތަކުގެ ޓީމުތައް ވެސް ބައިވެރިކުރުމެވެ.

“ސްޕޮންސަރ ލިބިގެން ލީގު އިތުރަށް ފުޅާކުރެވޭނެ. އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެތެރޭ މުޅި އަތޮޅަށް ލީގު ހުޅުވާލުން. އެފްއޭއެމުން މިކަމުގައި އެއްބާރުލުން ލިބޭ” ބައްޓޭ ބުންޏެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް އެފްއޭއެމުން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަށް ޒޯނުގެ ތެރެއިން އޭދަފުށީގައި ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮފީސް ރަސްމީކޮށް އިފްތިތާހު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އެފްއޭއެމުން ޒޯންތަކަށް ބަހާލައިގެން ފުޓްބޯޅަ ތަރައްގީކުރަން ނިންމީ ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅަ މުބާރާތްތަކާއި ތަމްރީނުތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އަމާޒުހިފައިގެންނެވެ.

އޭދަފުށީގައި ލީގެއް ފަށަން ތައްޔާރުވާއިރު އަންނަ އަހަރުގެ ޖޫން މަހު 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.