އަމިއްލަފުށީ ފުޓްބޯޅަ ކޭމްޕް: އޭދަފުށީ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް!

“މިއީ ވަރަށް ހުނަރުވެރި ކުދިންތަކެއް. މިކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިކުދިންގެ ހުނަރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. މިކުދިންގެ ހުނަރު އަދިވެސް އިތުރަށް ތަރައްގީކޮށް މަސައްކަތް ކޮށްފިއްޔާ ސަރަހައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ،”

ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އިނގިރޭސިވިލާތުގެ އެވަޓަންގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކޭހިލް ފުރަމަވެސް ދެއްކީ އުއްމީދީ ވާހަކަތަކެކެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އާދީއްތަ ދުވަހު ނިމުނުއިރު، ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ.

މި ޓްރެއިނިން ކޭމްޕްގައި އަމިއްލަފުށި ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނާއެކު ޖުމްލަ ސާޅީހަކަށް ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންނެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ. މީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗުންވެސް މިކޭޕްގައި އެހީތެރިވެދިނެވެ.

މިއީ މި ޓްރެއިނިން ކޭމްޕުން އޭދަފުށީ ސްކޫލު ކުދިންގެ ހުނަރު ފެނިގެންދިޔަ ތިންވަނަ ފަހަރު ކަމަށާއި އެ ކުޅުންތެރިންގެ ހުނަރު ތަރައްގީވެ ކުރިއަރާފައިހުރި ވަރު ކޭހިލްގެ ޓީމުން ފާހަގަކުރި އެވެ.

“މި ކޭމްޕުން މިދިޔަ އަހަރެއްހާ ދުވަހު މި ކުދިންގެ ހުނަރު ތަރައްގީވި ވަރު ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،” ކޭހިލް ބުންޏެވެ.

މިއީ ކޭހިލްގެ ޓީމު ފުޓްބޯޅަ ކޭމްޕް ހިންގަން އެ ރިސޯޓަށް އައި ހަތަރުވަނަ ފަހަރެވެ. އޭނާ ބުނީ ރާއްޖޭގެ ރީތި ބީޗްތަކުން އުފާ ލިބިގަތުމަށް ވުރެ އޭނާގެ ތަޖުރިބާގެ އަލީގައި ދަސްވެފައި ހުރި އެއްޗެއް ކުދިންނަށް ބުނެދިނުމުން ލިބޭ އުފާ މާބޮޑުކަމަށެވެ.

މި ޓްރެއިނިން ކޭމްޕުގައި ބައިވެރިވި އޭދަފުށީ ކުއްޖަކު ބުނީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޕްރޮފެޝަނަލް އެކަޑަމީގެ ކޯޗުންގެ ފަރާތުން މި ޓްރޭނިން ލިބޭތީ އެވެ.

“މިކަހަލަ ޕްރޮފެޝަނަލް ޓްރެއިނިންގައި ބައިވެރިވެވޭތީ ވަރަށް ހިތްހަމަޖެހޭ. މިފަހަރު ވެސް މި ކޯޗުން އެކި ކަންތައްތައް ކިޔައިދިން،”

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ބްރެންޑާ ހޯރާ ވިދާޅުވި ބޭނުމަކީ މި ފަދަ ޓްރެއިނިންތައް ކުރިއަށް ގެންގޮސް އަމިއްލަފުށީގެ ފަރާތުން ގިނަ ކުދިންނަށް މި ފަދަ ފުރުސަތުތައް ފަހިވެގެންދިޔުން ކަމަށެވެ. އެގޮތުން ކޭހިލްގެ އެކަޑަމީއާއު މި ކޭމްޕް ކުރިއަށްގެންދަން ފެށުމުން ރިސޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ރިސޯޓް ވަރަށް ބޮޑަށް އިސްތިހާރުވެއްޖެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ކޭޕްގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓްސް ކޯޗު ފަޒްލޫން މުހައްމަދު ބުނި ގޮތުގައި މިފަހަރުގެ ކޭމްޕުން ކޭހިލްގެ ޓީމުން އެންމެބޮޑަށް ފާހަގަކުރި އެއް ކަމަކީ ކުދިންނަށް އައިސްފައިވާ ކުރިއެރުމެވެ.

“ކޯޗުން ވަރަށް ބޮޑަށް ފާހަކުރި ކުދިންގެ ހުނަރު އިމްޕްރޫވްވެފައި ހުރިވަރު. ހާއްސަކޮށް ގްރާސްރޫޓްސް ކުދިންގެ ހުނަރު ފެނިފައި އެމީހުން ހައިރާންވި،”

ފަޒްލޫން ބުނި ގޮތުގައި ސްކޫލު ކިޔެވުން ފެށުމާއެކު ގްރާސްރޫޓްސް އެކަޑަމީގެ ކުޅުންތެރިންނަށް ހަމައެކަނި ޓްރެއިނިން ނުދީ ވާދަވެރި މެޗުތަކެއް ކުޅޭނެ ފުރުސަތުތަކެއް ވެސް ފަހިކޮށްދެވޭތޯ ބަލާނެއެވެ.

އޭދަފުށްޓަކީ ރާއްޖޭގެ އެއް ރަށަކަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން މި ވަގުތު ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 2018 އަހަރު އެ ސްކޫލުގައި ގްރާސްރޫޓްސް ވެސް ފަށައިފަ އެވެ. އަދި މިދިޔަ އަހަރު ވަނީ އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.