ކްލަބް އޭދަފުށީގެ ފަރިތަކުރުންތައް މާދަމާ ފަށަނީ

މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މާދަމާ ހަވީރު ފަށަން ކްލަބް އޭދަފުށިން ނިންމައިފި އެވެ.

ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އޭދަފުށީ ފުޓްބޯޅަ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

“އޯޕަން ޑޭ އެއްގޮތަށް ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށަން މިދަނީ ތައްޔާރުވަމުން. 16 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ވެސް ފުރުސަތު އެބައޮތް. އެގޮތުން ޝައުގުވެރިކަން ހުރި ހުރިހާ ކުދިންނަށް ވެސް މާދަމާ ހަވީރު އޭދަފުށީ ޓާފު ދަނޑަށް ހާޒިރުވުމަށް ދައުވަތު ދެން،” ކްލަބް އޭދަފުށި އަދި ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.