ސާންތީގެ ކޯޗުކަމުގެ ދަށުން އޭދަފުށީގެ ޕްރެކްޓިސް ފަށައިފި

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ކްލަބު އޭދަފުށީ ކޯޗަކަށް ހަމަޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން  ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ކްލަބް އޭދަފުށިން އެކި މުބާރާތްތަކުގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނެ އެވެ. ކްލަބް އޭދަފުށިން ވަނީ ނިމިދިޔަ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ.

ކްލަބް އޭދަފުށީގެ ކޯޗު ސާންތީ އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި އަދި ދާދި ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދިން ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިޔެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.

ކްލަބް އޭދަފުށިން އިއްޔެ ބޭއްވި އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ފުޓްބޯޅައިގައި މަޝްހޫރު ރަށެއް ކަމަށްވާ އޭދަފުށްޓަކީ ސާންތީ ކޯޗުކޮށްދޭ އަތޮޅުތެރޭގެ ފުރަތަމަ ޓީމެވެ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ފުޓްބޯޅައިގެ ހުނަރުވެރިކަން އުފެއްދުމުގައި މަޝްހޫރު އޭދަފުށްޓާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ހަފްތާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.