
ހިފުން މަނާ ދޫނިތަކެއް ބ. އޭދަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ގެންގުޅެނިކޮށް އަތުލައިގެންފި އެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި، އެ ދޫނިތައް އަތުލައިގަތީ އާއްމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ބުދަގެ ރޭ ދުވަހު ފުލުހުންނާ އެ އޮފީހުގެ މުވައްޒަފުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އެ ދޫނިތައް އައްސައިގެން ގެންގުޅެނިކޮށް އަތުލައިގެންފައިވަނީ އޭދަފުށީ ފަޅުތެރޭގައި އޮތް ރ. އަތޮޅު މީދޫ ދޯންޏަކުންނެވެ. އެ ދޫނީގެ ތެރޭގައި ހިމެނެނީ ހަ ކުރަނގި އެވެ.
“އެއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް. އަޅުގަނޑުމެންނާ ފުލުހުން ގޮސް އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އާއްމުންގެ ފަރާތުން ކުރި ރިޕޯޓަކާ ގުޅިގެން،” ބަޔޮސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދޫނިތައް ސަލާމަތްކޮށްގެން ގެންދިޔައީ އޭދަފުށީ ޕޮލިސް ސްޓޭޝަނަށެވެ. އަދި އެ ދޫނިތައް މިހާރުވަނީ ދޫކޮށްލާފަ އެވެ.
ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ހައްޔަރުކޮށްގެން ގެންގުޅުން ގާނޫނުން މަނާކޮށްފައިވާއިރު އެކަމަށް ވަރަށް ބޮޑު އަދަބެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި، ގެންގުޅޭ ފަރާތްތައް ފުރަތަމަ ފަހަރަށް 30،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު، އޭގެ ފަހުން އެފަދަ ދޫންޏެއް ހިފައިފި ނަމަ ހިފާ ކޮންމެ ދޫންޏަކަށް 25،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ދިވެހި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.