
ބ. އޭދަފުށީގައި، މަންމައާ އެކު މިއަދު ހަވީރު އަތިރިމައްޗަށް ގޮސް އުޅުނު ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު ގެނބެމުން ދަނިކޮށް، އޭނާގެ މަންމަ ސަލާމަތްކޮށްފި އެވެ.
އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދު ބަލައިލަން، މަންމަ އާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއާ އެކު ގޮސް އުޅުނު އެ ކުއްޖާ ގެނބެން މެދުވެރިވީ، ރިވެޓްމަންޓް ޖަހަން ކޮނެފައި އޮތް ފުންގަނޑަކަށް ވެއްޓުމުންނެވެ.
އިރުއޮއްސި 6:00 ހާއިރު ހިނގި މި ހާދިސާގައި، އެ ކުއްޖާގެ މަންމަ އަށް ކުއްލިއަކަށް އިވުނީ ދަރިފުޅު “އެ އޮތް ފެންގަނޑަށް އެރެނީ” އޭ ގޮވާ އަޑެވެ. ބަލާކަށް ނުހުރެ ވަގުތުން މަންމަ އެ ތަނަށް ފުންމާލައި، ދަރިފުޅު އަޑިއަށް ދިއުމުގެ ކުރިން ވަނީ ސަލާމަތް ކޮށްފަ އެވެ. އޭރު އެ ހިސާބުގައި ގިނަ ބަޔަކު ވެސް ތިއްބެވެ.
އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.