
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ކަޅުއޮއްފުންމި ބަންނަން ބ. މާޅޮސް ހާއްސަ ކޮށްފައިވާތީ އެރަށް އޮތީ އެކަމަށް ވަރަށް ބޮޑަށް ތައޔާރުވެފައި ކަމަށް މާޅޮހު ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު އާދަމް ޔޫސުފް މިއަދު ހަވީރު އޮންލައިނަށް ވިދާޅުވީ މާޅޮހު ރައްޔިތުން އާއްމުކޮށް ނިކުމެ އުޅޭ ދެކުނު ފަރާތު އަތިރިމަތީގެ ބައެއް، ކަޅުއޮއްފުންމި ބަންނަން ހާއްސަކޮށްފައި ވާތީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި މާޅޮހަކީ ގެސްޓްހައުސްތައް ގިނަ އަދި ޓޫރިސްޓުން ވެސް ގިނައިން ގޮސް އުޅޭ ރަށަކަށް ވާތީ އެ މަސައްކަތް ޓޫރިސްޓުންނަށް ދައްކާލުމަކީ ރައްޔިތުންނަށް ލިބޭ ފަޚުރެއް ކަމަށް ވެސް އޭނާ ހަވީރަށް ވިދާޅުވެފައި ވެ އެވެ.

ކަޅުއޮށްފުންމިއަކީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު، އެ މީހުންގެ އަތްދަށުން ގައުމު މިނިވަންކުރުމުގެ ޖިހާދުގައި އުތީމު ތިން ބެއިން ދަތުރުކުރެއްވި އޮޑި އެވެ. ގައުމީ ބަތަލް މުހައްމަދު ތަކުރުފާނާއި އަލީ ތަކުރުފާނު އަދި ހަސަން ތަކުރުފާނު ކަޅުއޮއްފުންމި ބެންނެވީ ހއ. ބާރަށުގަ އެވެ.
އުތީމު ތިން ބެއިން ގައުމީ ޖިހާދަށް ބޭނުންކުރެއްވި ކަޅުއޮށްފުންމިއާ އެއް ޑިޒައިނަކަށް، އެއްް ސައިޒަކަށް އުޅަނދު ބަންނަނީ މި ޒަމާނުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކޮށް ކުރިން ބަން ގޮތަށެވެ.
މާޅޮހު ކައުންސިލުން ބުނުގޮތުގައި މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖް ޖަމިއްޔާއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތަށް އެރަށް ވެސް ވަނީ މިހާރު ތައްޔާރުވެފަ އެވެ.
“މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ރީތި ނަމެއް. ހުރިހާ އެންމެން ވެސް ތިބީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން،” އާދަމް ހަވީރަށް ވިދާޅުވި އެވެ.
މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބޭނުންކުރި ކަޅުއޮށްފުންމީގެ އަސްލު ފޮޓޯއެއް އަދި ހަގީގީ ކުރެހުމެއް ފެންނަން ނެތަސް، އެ އޮޑި ބަނުމަށްޓަކައި ދިރާސާތަކެއްކޮށް ވަރަށް ގިނަ މައުލޫމާތު “މިނިވަން 50” ގެ ކޮމެޓީން ވަނީ އެއްކޮށްފަ އެވެ. އެ އޮޑިއާ ބެހޭ ގިނަ މައުލޫމާތުތަކެެއް މަލިކު މީހެއްގެ އަތުން ވެސް ހޯދާފައިވެ އެވެ.
ޖުލައި 26 އަށް ހާއްސަކޮށްގެން ބަންނަ މި އޮޑި ސަލްޓަން ޕާކުގައި، އެންމެންނަށް ފެންނަ ގޮތަށް ބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.