ބ. މާޅޮހުގައި އުޅޭ ބިދޭސީ މަސައްކަތު މީހުން ގުޅިގެން ހިލޭ ސާބަހަށް އެރަށުގެ ބަނދަރު ސަރަހައްދުގައި ބޮޑެތިމީހުންގެ ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ކައުންސިލުން ތަކެތިދީގެން އެރަށު ދެކުނު ބަނދަރުގެ އެއްގަމުން ހަދަމުންދާ މި ޕާކުގެ މަސައްކަތުގައި އެރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ހަތާވީސް މީހަކު ބައިވެރިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެއްވެސް އަގަކާނުލާ މި މަސައްކަތް ކުރުމަށް އެރަށުގައި ދިރިއުޅޭ ބިދޭސީން ނިންމީ ވަރަށްފަހުން ބިދޭސީންނާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އާންމުންނަށާއި ދަތުރުވެރިންނަށް މަޑުކޮށްލެވޭގޮތަށް ހަދާ މި ޕާކްގެ މަސައްކަތަށް ޝުޖާއު ވިދާޅުވި ގޮތުގައި ދޮޅުލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މިކަމަށް ފަންޑް ކުރާނީ ކައުންސިލްގެ ބަޖެޓުންނާއި ހެޔޮއެދޭ ފަރާތްތަކުންނެވެ
ފިނިމައިޒާނަކާއެކު ތަރައްގީކުރާ މި ޕާކްގެ މަސައްކަތް ފެށި މިދިޔަ ހަފްތާ ތެރޭގައެވެ. އެގޮތުން ބިދޭސީންނާއެކު މި ރަމަޟާންމަހުގެ ކޮންމެ ރެއަކުވެސް ތަރީވީހަށްފަހު ޕާކު ހެދުމުގެ މަސައްކަތް ކުރެއެވެ. މިކަމުގައި އާންމު ރައްޔިތުންވެސް ބައިވެރިވުމަށް މާޅޮހު ކައުންސިލުން އެދެއެވެ.
600 އެއްހާމީހުންގެ އާބާދީއެއް އޮންނަ މާޅޮހަކީ މިއަތޮޅުގެ ނިސްބަތުން ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނަ ރަށެކެވެ.