ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އަނެއްކާވެސް މަގާމުން ވަކިކޮށްފި އެވެ.
އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މީގެ ކުރިން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ނަމަވެސް އެ ފަހަރު އެފަހަރު އެލްޖީއޭގެ ސާކިއުލާއަށް އެއްގޮތަށް އަމަލު ނުކުރުމުން އެލްޖީއޭ އިން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.
ކަމަދޫ ކައުންސިލުން ބުނީ މިއަދު އަހްމަދު ސަމީރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގީ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތުގައި އަދާ ކުރައްވަމުން ނުގެންދަވާތީ ކަމަށެވެ.
“އެކަން އިސްލާހުކުރުމަށް ފުރަތަމަ ކައުންސިލުން ދިން 45 ދުވަސް ހަމަވެގެން ދެވަނަ އަށް ދިން 30 ދުވަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައި، އެހެންނަމަވެސް ރައީސް ޖަވާބު ދާރީވެވަޑައެއް ނުގަންނަވާ،” ކަމަދޫ ކައުންސިލުން ބުންޏެވެ.
ސަމީރުގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. ކައުންސިލްގެ ރައީސް ސަމީރު ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.
އަހުމަދު ސަމީރު ވިދާޅުވީ އޭނާ މަގާމުން ދުރުކުރިކަން އަދި އެނގިފަޑައި ނުގަންނަވާ ކަމަށެވެ.
ސަމީރު ކައުންސިލަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.