ބ. އަތޮޅު ހޮސްޕިޓަލުގައި ހިންގަމުން އަންނަ ފާމަސީ، ހިންގާނެ ބަޔަކު ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާން ކޮށްފި އެވެ.
ބ. އަތޮޅުހޮސްޕިޓަލުން މިދިޔަ ހަފްތާތެރޭގައި ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބ. އަތޮޅުހޮސްޕިޓަލު ތެރޭގައި ހަދާފައިވާ ފާމަސީ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެތަން ކުއްޔަށް ދޫކުރާނީ އެއް އަހަރުދުވަހުގެ މުއްދަތަކަށް ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އަތޮޅުހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ ފާމަސީ ކުއްޔަށް ދިނުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދިނުން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ބ. އަތޮޅުހޮސްޕިޓަލުގެ އެވެ. އަދި އިމާރާތް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް އާއި ކުއްޔަށް ހިފާނެ އަގު ހުށަހަޅަން ޖެހޭނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ހިންގާގޮތަށް ބޭސްފިހާރައެއް ހުޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް އެކިކަހަލަ ދަތިތަކާ ގުޅިގެން އެބޭސްފިހާރައިން ފަހަކަށް އައިސް އެކަށީގެންވާގޮތަކަށް ހިދްމަތް ލިބެމުން ނުދެއެވެ. އަދި ފަހަކަށްއައިސް މުހިއްމު އެއްވެސްކަހަލަ ބޭހެއް އެފިހާރައިން ލިބެން ނުހުންނަކަމުގެ ޝަކުވާ އާންމުންދަނީ ކުރަމުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލް ބޭސްފިހާރައިގެ އިތުރުން އޭދަފުށީގައި އާންމު 2 ފަރާތަކުން ބޭސްފިހާރަ ހިންގައެވެ. އެހެންނަމަވެސް މިދެފިހާރައިން އާސަންދައަށް ބޭސްދުލެއްނުކުރެއެވެ.