
ރައީސް ޔާމިންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމުގެ ވާދައިގެ ތައްޓަށް އީމި އަޟްހާ އީދުގެ ބަންދުގައި އޭދަފުށީގައި ބާއްވަން ނިންމި ބަށި މުބާރާތް ފެށުމުގެ ކުރިން ބައެއް ޓީމުތައް މުބާރާތުން ވަކިވެއްޖެ އެވެ.
ޒަމާނީ ބަށި އެސޯސިއޭޝަން އާއި އޭދަފުށީ ޒުވާނުންގެ ކްލަބު ގުޅިގެން ބާއްވަން ނިންމި މި މުބާރާތުގައި ފަސް ޓީމު ބައިވެރިވި ނަމަވެސް އެކި ސަބަބުތަކާހުރެ އޭގެ ތެރެއިން ތިން ޓީމެއް މިހާރުވަނީ މުބާރާތުން ވަކިވެފަ އެވެ.
މުބާރާތުން ވަކިވީ ފްރެންޑްސް އާއި ބ. އޭއީސީ އަދި ގަލްފް ގާލްސް ބަށީ ޓީމެވެ. މި ޓީމުތަކުން އީޓީ އާ ވާހަކަދައްކަމުން ބުނީ މުބާރާތުން ވަކިވީ މުބާރާތުގެ އިންތިޒާމުތައް ދަށް ކަމުން ކަމަށެވެ.
“ތިން ހަތަރު ދުވަސް ވީއިރުވެސް މުބާރާތުގެ ފައިނަލު ޝެޑިއުލު ނުލިބޭ، އެހެން އެއްވެސް އިންތިޒާމެއް ނެތް މުބާރާތެއްގައި ބައިވެރިވާން ބޭނުން ނުވީ،” މުބާރާތުން ވަކިވި ޓީމަކުން ބުންޏެވެ.
މި މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މުބާރާތުން ތިން ޓީމު ވަކިވީ އިންތިޒާމުދަށްކަމުން ނޫން ކަމަށާއި އެ ޓީމުތަކުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށް ނުދީގެން ކަމަށެވެ.
“އިންތިޒާމުތައް ދަށޭ އަދި ކިހިނެއް ބުނެވޭނީ. އަދި މި އުޅެނީ މުބާރާތް ނުފެށި، އެމީހުން (ޓީމުތަކުން) މީޓިން ތަކަށް އައިސް ބުނަނީ ތިމަންނަމެން އީދު އެހެން ކުޅިވަރުތައް ކުޅެން ޖެހެޔޭ. އެހެންވީމާ މިވެނި ގޮތަކަށް ލަސްކޮށްދޭށޭ، އަސްލު މޫސުމާ ކަންތައްތައް ހުރި ގޮތުން ލަސްވީ. އަނެއްކާ ރަށުން އަމްޕަޔަރުން ލައިގެން ކުޅެވޭކަށް ނެތް. ދެން މޫސުމާ ޖާގައިގެ ގޮތުން އަމްޕަޔަރުން އައީމަ އެރޭ މީޓީން އެއް ބޭއްވިން. އެ ޓީމުތަކުން ބުނަނީ އީދު ކުޅިވަރުތައް ކުޅެން ޖެހެޔޭ، ވިއްސާރަ އެއް އަހަރެންނަކަށް ނުހުއްޓުވޭނެ. ސައުންޑާ ނުލާ ބައްޓެއް ކުރިއަކަށް ނުގެންދެވޭނެ،” ބައްޓޭ ބުންޏެވެ.
“ދެން އެކި ޓީމުތަކުން ބުނަނީ އެކި ގަޑިތަކަށް އެކި ޓީމުތައް، އެއްބަޔަކު ބުނަނީ ތިމަންނަ މެނަށް ހެނދުނަކު ނުކުޅެވޭނެޔޭ، އަނެއް ޓީމުތަކުން ބުނަނީ ތިމަންނަމެން ބޭނުންވަނީ ފަސްގަނޑުގައި ކުޅޭށޭ، ހައްޖު ދުވަހު މުބާރާތް ފަށަން ބުނީމަ ބުނީ އެންމެން ތިބެނީ ރޯދައަށޭ، ދެން ފަހު މީޓިން އަށް އައިސި ބުނީ ކުޅޭކަށް ބޭނުމެއް ނޫނޭ،” ބައްޓޭ ބުންޏެވެ.
ބައްޓޭ ބުނި ގޮތުގައި ބައެއް މީހުން މި މުބާރާތަށް ހުރަސް އެޅުމުގެ ގޮތުން ރަށުގެ ބައެއް ގޭގައަށް ގޮސް ނަސޭހަތް ދީ ހަދާފައިވެ އެވެ.
ބާކީ އޮތް ދެ ޓީމާއެކު މުބާރާތް ކުރިއަށް ގެންދިއުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރ، އަދި ދެ ވަނަ ޓީމަށް 5000ރ ލިބެ އެވެ. އަދި މުބާރާތުގެ ބަށި ރާނީ އަށް ޓްރޮފީއެއްގެ އިތުރުން ކޮލަމްބޯ ދެކޮޅު ޓިކެޓުވެސް ލިބެ އެވެ.