
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ހިބަޅިދޫން ގިނަ އަދަދެއްގެ ހަނގުރާމަވެރި ހަތިޔާރުތަކެއް ސަލާމަތީ ބާރުތަކުން ހޯދާފައިވާތީ މިއަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އަތޯލު ކައުންސިލުން ބުނެފި އެވެ.
އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިބަޅިދޫންނާއި އެރަށުގެ ފަޅުތެރެއިން ހޯދި ހަތިތާރުތަކުގެ ތެރޭގައި ތެރޭގައި ގޮއްވާލަން ތައްޔާރުކޮށްފައި ހުރި ބޮންތަކާއި ފުރާނަ އަށް ގެއްލުން ދިނުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރު ހުރިކަން ފާހަގަކޮށް އެކަން ހަރުކަށީ އިބާރާޓުން ކުށްވެރިކުރާ ކަމަށެވެ.
“އަތޮޅު ކައުންސިލުން ހަރުކަށި އިބާރާތުން މިކަން ކުށްވެރިކޮށް މިކަންކުރި ބަޔަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. އަތޮޅުގެ ގިނަ ރައްޔިތުންއެދޭ އެދުމަކީވެސް ހަމަ މިގޮތުގެ މަތިން މިކަންކަން ވެގެންދިއުމެވެ،” އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވެ އެވެ.
“މިއަތޮޅަކީ ކަނޑުފަޅު ފީނައިގެން އާމުދަނީ ހޯދުމުގެ މަސައްކަތްކުރާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަތޮޅެކެވެ. އަދި މި ސަރަހައްދަކީ ބަޔޮސްފިއާ ރިޒާވް ހިމެނޭ ސަރަހައްދަށްވާތީ، ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކުރާކަން ފާހަގަ ކުރަމެވެ. މި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ހާއްސަކޮށް ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވާހިދު، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ،” ނޫސް ބަޔާނުގައި ވެ އެވެެ.

ހިބަޅިދޫން ފެނުނު ތަކެއްޗާ ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަތޮޅުގެ ފަޅުރަށްތަކާއި، ފަޅުތަކާއި ފިނޮޅުތައް ދޫކޮށްފައިވާ ފަރާތްތައް ދޫކުރި ބޭނުން އެނގޭގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް އަތޮޅު ކައުންސިލުންވަނީ ގޮވާލައިފަ އެވެ.
ސަލާމަތީބާރުތަކުން މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް އަރައި، ފާސްކޮށްގެން ހޯދާފައިވާ ގޮވާ ޒާތުގެ ގިނަ އަދަދެއްގެ ސާމާނާއި އަސްކަރިއްޔާތަކުން ގެންގުޅޭ ބަޑިތައް ވެސް ރޭ ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ހަތިޔާރާއި ގޮވާތަކެތި ބަހައްޓާފައި ހުރީ ހިބަޅިދު އަށް ވަންނަ ނެރާ ދިމާލު 45 މީޓަރު އަޑީގައި ކަމަށެވެ. އަދި ކަޅު ދަބަހެއްގައި އެ ތަކެތި ކަނޑު އަޑިއަށް ފައްތާފައި ވަނީ ކުރިން ހުރި ތަނަކުން ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗީފް ސުޕްރިންޓެންޑެންޓް ހަމްދޫން ރަޝީދު ވިދާޅުވި ގޮތުގައި ހިބަޅިދޫގައި އިތުރު ހަތިޔާރާއި ގޮވާތަކެތި ހުރިތޯ ބަލަން މިހާރު ވެސް އަންނަނީ ފާސްކުރަމުންނެވެ. އެ ރަށް މިހާރު އޮތީ ފާސްކުރުމަށް އެއް މަސް ދުވަހުގެ މުއްދަތަށް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ހިބަޅިދު އަކީ ޓޫރިޒަމް މިނިސްޓްރީ 14 އޮގަސްޓް 2014ގައި ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދީފައިވާ ރަށެކެވެ އެ ރަށް ރިސޯޓް ތަރައްގީ ކުރަނީ މި ކުންފުންޏާއި ގެއާޑިއަން ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.
ބަޑި ދޯ؟