ފެހެންދޫ މޮޅުވިއިރު، ދަރަވަންދޫ އަތުން ބަލިނުވެ އޭދަފުށި ސަލާމަތް ވެއްޖެ

ކުޑަރިކިލާއި ފެހެންދޫ މިއަދު މެންދުރު ކުޅުނު މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ކުޑަރިކިލާއި ފެހެންދޫ މިއަދު މެންދުރު ކުޅުނު މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި ކުޑަރިކިލު އަތުން 2-1 އިން ފެހެންދޫ މޮޅުވިއިރު، މިގްރޫޕުގައި އޭދަފުށީ ޓީމު ދަރަވަންދޫއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމުގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކުރި ލަނޑާ އެކު، ދަރަވަންދޫ އަތުން ބަލިނުވެ އޭދަފުށި ސަލާމަތް ވެއްޖެ އެވެ.

މެންދުރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޑަރިކިލާއި ފެހެންދޫ ކުޅުނު މެޗުގެ 61 ވަނަ މިނެޓުގައި ލީޑު ނެގީ ފެހެންދޫ އިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނިޒާމު އެވެ. އޭގެ ހަތަރު މިނެޓު ފަހުން ކުޑަރިކިލު ޓީމުގެ އަހްމަދު ރިޔާޒް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. ފެހެންދޫ މޮޅުވީ 76 ވަނަ މިނެޓުގައި އަހުމަދު ޝާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

 

ހަވީރު އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ހަވީރު އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

ހަވީރު ދަރަވަންދޫ އާއި އޭދަފުށި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މި މެޗުގައި އޭދަފުއްޓަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއްނުވި އެވެ.

މި މެޗުގެ ލީޑު ދަރަވަންދޫއަށް ނަގައިދިން ލަނޑު މެޗުގެ 9 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނިޔާޒު އެވެ. އަދި ދެވަނަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ އަހްމަދު އަހްޝަމް ވަނީ ލީޑް ފުޅާކޮށްދީފަ އެވެ.

 

ފުޅަދޫ ޓީމުގެ ސަޕޯތަރުން. އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ފެހެންދޫ ޓީމުގެ ސަޕޯޓަރުން. އީޓީ ފޮޓޯ / ރާއިފް ޔޫސުފް

 

ނަމަވެސް ފަހު ހާފުގައި އޭދަފުށީ ޓީމުން ތަފާތު ކުޑަކުރީ 52 ވަނަ މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސައްޓު ކާމިޔާބުކުރި ލަނޑާ އެކު އޭދަފުށި ވަނީ މި މެޗުން ބަލިނުވެ ސަލާމަތް ވެފައެވެ.

މި މުބާރާތުގެ ގުރޫޕް އޭ ގައި މާދަމާ މެންދުރު 1:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިހާދޫ އާއި ފުޅަދޫ އެވެ. ދެވަނަ މެޗުގައި މާޅޮހާއި ދެކޮޅަށް ނުކުންނާނީ ގޮއިދޫ އެވެ. އެ މެޗު ފަށަނީ ހަވީރު 3:50 ގަ އެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވެލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.