ބަޔޮސްފިއާ ރިޒާވްއާ “އީޓީ” އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ތޯރިގް (ވ) އަދި ޝިބާއު މިއަދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ. ފޮޓޯ: ބަޔޯސްފިއާ ރިޒާވް އޮފީސް
ތޯރިގް (ވ) އަދި ޝިބާއު މިއަދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ. ފޮޓޯ: ބަޔޯސްފިއާ ރިޒާވް އޮފީސް

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ހިންގާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އޭދަފުށި ޓައިމްސް (“އީޓީ”) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑްގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ ޝިބާއުއެވެ. އީޓީގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ އެޑިޓަރު ތޯރިގް އަބްދުއްރަހްމާނެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އަބްދުﷲ ޝިބާއު ވިދާޅުވި ގޮތުގައި މިއަދު ސޮއިކުރެވުނު ޕާޓްނާޝިޕް އެގްރީމެންޓްގެ ދަށުން ކުރިމަގުގައި މިއަށްވުރެ ވެސް ފުޅާ ގޮތެއްގައި ބަޔޮސްފިއާ ރިޒާވް އަދި ކޮންޒަވޭޝަން ފަންޑުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް “އީޓީ” އާ ގުޅިގެން މަސައްކަތް ކުރައްވާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން، މިއީ މި ނޫސް އިތުރަށް ފުޅާކޮށް ގިނަ މައުލޫމާތު ހިމެނޭ ނޫހަކަށް ހެދުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ތޯރިގް ވިދާޅުވިއެެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަޔޮސްފިއާ ރިޒާވް އޮފީހުން ހިންގާ ތަފާތު ހަރަކާތްތަކާއި، އަދި ކޮންޒަވޭޝަން ފަންޑުން ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މި ނޫސް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ދެވޭ އެއްބާރުލުމުގެ ތެރޭގައި ކޮންޒަވޭޝަން ފަންޑަށް އެހީވެދެވިދާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ވެސް އީޓީން ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ. އަދި އެ ގޮތުން، ބަޔޮސްފިއާ ރިޒާވް އޮފީހުގެ އެކި ހަރަކާތްތަކުގައި އީޓީގެ ނަމާއި ލޯގޯ އެ ފަރާތުން ބޭނުން ކުރުމުގެ އިތުރުން، އީޓީގެ ކަވަރޭޖްގައި ވެސް އެ ފަރާތުގެ ނަމާއި ލޯގޯ ބޭނުން ކުރެވޭނެއެވެ.
މީގެ އިތުރުން ބަޔޯސްފިއާ ރިޒާވްއެއްގެ ގޮތުގައި ބ. އަތޮޅު ޕްރޮމޯޓް ކުރުމާއި، މި މޭރުމުން ބަޔޯސްފިއާ ރިޒާވް އޮފީހުން ހިންގާ ޕްރޮގްރާމްތަކުގައި އީޓީން ބައިވެރިވެ، ތަފާތު ރޮނގުތަކުން އެހީތެރިކަން އީޓީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އދ. ގެ ތައުލީމާއި، ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯއިން މުޅި ބ. އަތޮޅަކީ ތިމާވެށީގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިމާޔަތް ކުރެވިފައިވާ “ބަޔޮސްފިއާ ރިޒާވް”އެއްގެ ގޮތުގައި ކަނޑައެޅީ ޖޫން 2011 ގައެވެ. އޭގެ ފަހުން އެކި ފަރާތްތަކުން އަންނަނީ ބ. އަތޮޅުގެ ހިމާޔަތަށް ފައިސާ އާއި ފަންނީ އަދި އެހެނިހެން ވެސް ދީލަތި އެހީތައް ވަމުންނެވެ.
އޭދަފުށި ޓައިމްސް (އީޓީ) އަކީ އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން އޭދަފުއްޓާއި އަދި ޚާއްސަކޮށް ބ. އަތޮޅުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 2008 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ އޮންލައިން ނޫހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.