މިއަދަކީ އަނެއްކާވެސް ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ސަޕޯޓަރުންނަށް ހާއްސަ ދުވަހެކެވެ. މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ޒޯން ކޮލިފިކޭޝަންގައި އަމިއްލަ ދަނޑުގައި ދުވާފަރާއި ދެކޮޅަށް ނުކުންނައިރު ރަށު ޓީމަށް މިއަދުގެ މެޗުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އަމިއްލަ ބާރުގައި މުބާރާތުގެ އިތުރު ހަރުފަތަކަށް ޖެހިލުމަށްޓަކައި މިއަދުގެ މެޗު ކާމިޔާބުކުރުން ނޫންގޮތެއް އޭދަފުށްޓަކަށް ނެތެވެ. ހަގީގަތުގައި މިއަދުގެ މެޗަކީ އޭދަފުޓަށް ގާތްގަޑަކަށް ފައިނަލެކެވެ.
މިއަދުގެ މެޗުގައި އޭދަފުށްޓާ ދެކޮޅަށް ނުކުންނަ ދުވާފަރަކީ ފުޓްބޯޅައިގައި މަޝްހޫރު ނަމެއް ނޫނެވެ. އެކަމަކު އެއީ މިއަދުގެ މެޗަށް ކުޑަކޮށްވެސް އަސަރުކުރާނެ ކަމެއް ނޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރަކީ މި މުބާރާތަށް އެންމެ ރަގަޅަށް ތައްޔާރުވި އެއް ޓީމެވެ. ކުޅުންތެރިންގެ މެދުގައި ވަރުގަދަ ރޫހެއް އެބައޮތެވެ. ރަށުގެ ރައްޔިތުން ތިބީ ފުޓްބޯޅަ ޓީމުގެ ފަހަތުގައެވެ. އޭދަފުށިން އަމިއްލަ ދަނޑުގައި ހިންނަވަރު ކޮޅަށް ހަ ގޯލް ޖެހިއިރު ހަމަ އެ ޓީމު ކޮޅަށް ދުވާފަރުންވެސް ވަނީ ހަތަރު ގޯލް ޖަހައި އެމީހުންގެ ފެންވަރު ދައްކާލާފައެވެ. އޭދަފުށި ކަހަލަ ފުޓްބޯޅައިގައި ނަން މަޝްހޫރު ޓީމަކާއި ދެކޮޅަށް ކުޅުންތެރިން ކަށިން ހިތްވަރު ނެރޭނެކަން ޔަގީނެވެ. މި ސަބަބުތަކާ ހުރެ މި މެޗު އޭދަފުޓަށް ފަސޭހަ ނުވާނެ ކަމަށް ގަބޫލުކުރެވެ އެވެ.
ކޮންމެއަކަސް މިއަދުގެ މެޗަކީ ފޯރިގަދަވެގެންދާނެ މެޗެއް ކަމަށް ގަބޫލުކުރެވެ އެވެ. އޭދަފުޓާއި ސާޅީހަކަށް މޭލު ދުރުގައި އޮތަސް ދުވާފަރުގެ ވަރަށްގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބެލުމަށްޓަކައި އަންނާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. އޭދަފުށީގެ ސަޕޯޓަރުން މުޅި ދަނޑު މިއަދުވެސް ފުރާލާނެ އެވެ. ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ގައި ރަށު ޓީމަށް ލިބުނު ނާކާމިޔާބީ ހަނދާންނެތޭވަރުގެ މޮޅަކަށް އޭދަފުށިގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ. ހަމައެއާއެކު އޭދަފުށީގެ މައްޗަށް ކުރި ހޯދުން ދުވާފަރަށް ވާނީ ފުޓްބޯޅައިގައި އެމީހުންގެ ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމަކަށެވެ.
ރަށު ޓީމެއް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭތަން ދުށުމަކީ އޭދަފުށީގެ ގިނަ ބަޔަކު އަބަދުވެސް ކުރާ އުއްމީދެކެވެ. އިންޓަ ސްކޫލް މުބާރާތުގައާއި، ޔޫތް މުބާރާތްތަކުގައި އޭދަފުށްޓަށް ނިސްބަތްވާ ޒުވާންކުދިންގެ ހުނަރު މިފަހަކަށް އައިސް ފެނިގެން ދިޔަ ނަމަވެސް ގައުމީ ފެންވަރުގެ ބޮޑު މުބާރާތެއްގައި އޭދަފުށީގެ ޓީމެއް ވާދަނުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މިނިވަން ފަންސާސް މުބާރާތަކީ މިދެންނެވި ތާރީޚް ބަދަލުކޮށްލުމަށްޓަކައި ލިބިފައި އޮތް ރަނުގެ ފުރުސަތެކެވެ. އެކަމަކު އެހިސާބަށް ދިއުމަށްޓަކައި ކުރަން އޮތް ދަތުރު އަދި ވަރަށް ދިގެވެ. އަމިއްލަ ދަނޑުގައި ދުވާފަރާއި ދެކޮޅަށް މިއަދުކުޅޭ މެޗަކީ މި ދަތުރުގައި ކުރިމަތިވާ އެންމެ ވަރުގަދަ އެއް އިމްތިހާނެވެ.
މިއަދުގެ މެޗަށް ދެޓީމު ނުކުންނައިރު ދެ ޓީމުގައިވެސް ނަތީޖާ ބަދަލުކޮށްލެވިދާނެ ފެންވަރުގެ ހުނަރުހުރި ކުޅުންތެރިން އެބަތިއްބެވެ. މިކަހަލަ މެޗަކަށް ދާދި އެއް ފެންވަރުގެ ދެ ޓީމު ނުކުންނައިރު އަމިއްލަ ދަނޑުގައި ކުޅޭ ޓީމަށް އޮންނާނެ ހޯމް އެޑްވާންޓޭޖަކީ ސަޕޯޓަރުންނެވެ. ހަމައެކަނި ސަޕޯޓަރުންގެ އަދަދު ގިނަވުމަކުން އަދި ނުފުދެއެވެ. މުހިއްމީ ސަޕޯޓަރުންގެ އަޑު ކުޅުންތެރިންނަށް އިއްވުމެވެ. ބެރު ދުންމާރިއާއި، އަތްތިލަބަޑިއާއި، ސާބަހުގެ އަޑުން ސަޕޯޓަރުން ކުޅުންތެރިންނާއެކު ތިބިކަން ސާބިތުކޮށްދިނުމެވެ. މިފަހަކަށްއައިސް އަމިއްލަ ދަނޑުގައި ރަށު ޓީމު ކުޅޭއިރު އެންމެ އެދެވޭ މިންވަރަށް ސަޕޯޓަރުންގެ ފަރާތުން އެކަން ފެނިފައިނުވާކަމަށް ދަންނަވަން ކެރިދާނެ އެވެ. އެކަމަކު މިއީ މުޅިން ތަފާތު މުބާރާތަކަށްވުމުން މަންޒަރު ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވެ އެވެ. އެހެންވެއްޖެނަމަ ހަގީގަތުގައިވެސް ރަށު ޓީމަށް އެވާނީ ބޮޑު އެޑްވާންޓޭޖަކަށެވެ. މިއަދުގެ މި މުހިއްމު މެޗަށް ނުކުންނައިރު މުޅި ޓީމުގެވެސް އެދުމަކަށްވާނީ ފުރިހަމަ ސަޕޯޓެއް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިއުމެވެ. އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަޕޯޓަރުންނަށް މިއަށްވުރެ ވަކިން ބޮޑަށް އެހީތެރިވެދެވޭނެ ދުވަހެއް މަދުވާނެއެވެ. ކުޅުންތެރިން ތިބީ ރަށަށް ރީތި ނަން ހޯދައިދިނުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ސަޕޯޓަރުންވެސް އެ ރޫހުގައި ތިބިކަމަށް ވަންޏާ އިރާދަކުރެއްވިއްޔާ ނަތީޖާ ބުރަވުން ގާތީ އަހަރެމެންގެ ކޮޅަށެވެ.
ޔަގީންޔަގީން ދޯ މާނު. ރަށުގަ އެބަތިބި ތި ގޮއިދޫ ތަންތަނުގެ މީހުންނަށްވުރެއް މާ ކުޅަދާނަ ކުޅުންތެރިން. ފެހެންދޫ ޓީމް އިން ގޮއިދޫ ޓީމްއަށް ދިން ލަނޑަށް ހަމަ ސުކުރިއްޔާ އޭ ބުނެވޭނީ. މަޜްހަބާ އޭދަފުށި.
އޭދަފުށީގަ ތިބި ހުނަރުވެރި ކުދިންނަށް ފުރުސަތު ދީފިނަމަ ތިތިބަ ގޮއިދޫ ( ނަރުދަމާ ނިޒާމް) މެންކަހަލަ ފެންވަރުނެތް ހަމަ އެކަނި ބޯޅަދިނީމަ ލަނޑުޖެހޭކަހަލަ މީހުން ބޭރުން ނުނެެގީސްކަން ޔަގީނެވެ. އޭދަފުށްޓަކީ ފުޓްބޯޅާގެެ ރަސްގެެފާނު ހަމަ!