
ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ މިއަހަރުގެ “އެންވަޔަރަމަންޓް ކޭމްޕް” އޭދަފުށީގައި މިއަދު ފަށައިފި އެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީއާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔޫއެންޑީޕީ އަދި ސޮނެވާފުށި ރިސޯޓް ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު މެންދުރުފެށި މި ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލުތަކުން 150 ދަރިވަރުން ބައިވެރިވެ އެވެ.
ގައިޑް ބްރާންޗުގެ 12-17 އަހަރުގެ ގައިޑު ކުދިންނަށް އަމާޒުކޮށްގެން މިއަދު ފެށި މިއަހަރުގެ އެންވަޔަރަމަންޓް ކޭމްޕްގެ ތީމަކީ “ބަޔޮސްފިއާ ރިޒާވް” އެވެ.

ކޭމްޕްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) އަދި ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ އެފްއޭއޯ ގުޅިގެން 2009 ގައި ތައާރާފުކުރި “ފުޑް ސެކިއުރިޓީ އެންޑް ކްލައިމޭޓް ޗޭންގް ބެޖް” ގެ ހަރަކާތްތައް ކަމަށް ގައިޑު އެސޯސިއޭޝަނުން ބުންޏެވެ.

ކޭމްފް ފެށުމުގެ ރަސްމިއްޔާތުގަިއ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ޕްރެވެންޝަން ސެކްޝަންގެ ޑިރެކްޓަރު އަހްމަދު މުރުތާޒު ވިދާޅުވީ އެހެން ގައުމުތަކާ ޚިލާފަށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވެވުމަށްޓަކައި ތިމާވެށި ހިމާޔަތް ކުރަންޖެހޭ ކަމަށާއި މި ދަތުރު ނިމެގެން ދާއިރު ހުރިހާ ކުދިންނަށްވެސް ތިމާވެއްޓަކީ ކިހާ މުހިއްމު އެއްޗެއްކަން އެނގިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގާލްގައިޑް އެސޯސިއޭޝަނުން ބުނިގޮތުގައި މި ކޭމްގެ ބައިވެރިން ސޮނެވާފުއްޓަށާއި، މާޅޮހަށް އަދި މިއަތޮޅުގައި ހިމާޔަތްކޮށްފައިވާ “އޮޅުގިރި” އަށް ދަތުރުކޮށް ތިމާވެއްޓާބެހޭ ގިނަ މައުލޫމާތު ހޯދާނެ އެވެ.
އދ. ގެ ތައުލީމާއި، ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯއިން މުޅި ބ. އަތޮޅަކީ ތިމާވެށީގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިމާޔަތް ކުރެވިފައިވާ “ބަޔޮސްފިއާ ރިޒާވް”އެއްގެ ގޮތުގައި ކަނޑައެޅީ ޖޫން 2011 ގައެވެ. ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ބ. އަތޮޅު ހެދުމަށް ހަމަޖެއްސި ސަބަބުތަކުގެ ތެރޭގައި އެ އަތޮޅުގައި ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ ސައިޓްތައް ހުރުމުގެ އިތުރުން ތިމާވެށީގެ ހޭލުންތެރިކަން ބޮޑު އަތޮޅަކަށް ބ. އަތޮޅުވުން ހިމެނެ އެވެ.