ބ. އަތޮޅުގެ ޗެމްޕިއަންކަން ފެހެންދޫ އަށް

ފެހެންދޫ ޓީމު ތައްޓާއެކުއުފާފާޅުކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
ފެހެންދޫ ޓީމު ތައްޓާއެކުއުފާފާޅުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

ޕެނަލްޓީ ޖަހައިގެން ގޮއިދޫ ބަލިކޮށް ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ފެހެންދޫ ހޯދައިފި އެވެ.

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ފެހެންދޫ މޮޅުވީ 6-5 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ޕެނަލްޓީގައި ފެހެންދޫން ވަނީ އެޓީމުގެ ހުރިހާ ޕެނަލްޓީއެއް ވައްދާލާފައެވެ. ގޮއިދޫ ޓީމަށް ވައްދާނުލެވުނީ އެޓީމުގެ ހުސައިން ޝިފާހު ޖެހި ޕެނަލްޓީ އެކަންޏެވެ.

މިއަދު މެޗު ފެށިގެން ފެހެންދޫއިން ވަނީ މޮޅަށްކުޅެ، ގޮއިދޫގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ. ފެހެންދޫގެ ގޯލް މެޗުގެ 31 ވަނަ މިނިޓުގައި ޖެހީ އިބްރާހީމް ޝާހީން އެވެ. ޝާހީން މި ގޯލު ޖެހީ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ކީޕަރު ބޯމަތިން ގޯލް ތެރެއަށް ވައްދާލައިގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ގޮއިދޫން ވަނީ މޮޅަށް ކުޅެ ފެހެންދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ގޮއިދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 71 ވަނަ މިނިޓުގައި އިބްރާހިމް މާޖިދު ނެގި ކޯނަރެއް އާދަމް ނިޒާމް (ކިތުނާ) ބޮލުން ޖަހާ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

މުބާރާތް ކާޟިޔާބު ކުރުމާ ގުޅިގެން ފެހެންދޫ ސަޕޯޓަރުން އުފާ ފާޅުކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
މުބާރާތް ކާޟިޔާބު ކުރުމާ ގުޅިގެން ފެހެންދޫ ސަޕޯޓަރުން އުފާ ފާޅުކުރަނީ– އީޓީ ފޮޓޯ / ތޯރިގް

މެޗަށްފަހު “އީޓީ” އާ ވާހަކަދައްކަމުން ފެހެންދޫގެ ކޯޗު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާޢީލް އަނިލް ބުނީ އެ ކާމިޔާބަކީ ފެހެންދޫ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
“ތަށި ލިބުމުގެ އަސްލަކީ ކުޅުންތެރިން. އަޅުގަނޑު ބުނާ ކޮންމެ އެއްޗެއް އެކުޅުންތެރިން އަޑުއަހާ. އެ ޑިސިޕްލިން ވަރަށް ބޮޑަށް ފާހަގަކުރަން. ހުރިހާ ކުޅުންތެރިންނަށްވެސް ޝުކުރު ދަންނަވަން އެކަމަށް. ސެމީއަށްފަހު އެންމެ ދުވަހެއް ލިބުނީމަ ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށް. ނިޒާމްބެ ނެތި ކުޅެން ޖެހުމަކީވެސް އެކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެއް”

މީގެ އިތުރުން އަނިލް ބުނީ އާބާދީ ކިތަންމެ ކުޑަޔަސް ފެހެންދޫގައި ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި، އެކުޅުންތެރިންނަށް ބޭނުންވަނީ ރަގަޅު ކޯޗެއްގެ އިރުޝާދުކަމަށެވެ. އަދި މެޗުގެ ފަހު ވަގުތު ކީޕަރު ބަދަލުކުރީ ގަސްދުގައި ކަމަށާއި، އެއީ މާބޮޑު ޓެކްޓިކަލް ބަދަލެއް ނޫންކަމަށްވެސް ކޯޗު ބުންޏެވެ.

ފެހެންދޫ އަކީ ބ. އަތޮޅުގައި އެންމެ އާބާދީ ކުޑަ ރަށެވެ. އެރަށުގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު ސަތޭކައަށްވެސް ނާރަ އެވެ.

“ފެހެންދޫގައި އެބަތިބި ވަރަށް މޮޅެތި ކުޅުންތެރިން. މިކުދިންނަށް ބޭނުންވަނީ ރަގަޅު މީހެއްގެ އިރުޝާދު. މިފަދަ މުބާރާތްތައް ގިނައިން ބޭއްވުން މުހިއްމުވަނީ އެހެންވެ. މުބާރާތުގެ ހުރިހާ ކަމެއްވެސް ވަރަށް ރަގަޅު. މިއަދު މެޗުގައި ކީޕަރު ބަދަލުކުރީ އަނިޔާވެގެނެއް ނޫން. އެއީ މުޅިން އެހެން ބަދަލެއް. އެބަދަލުން އިދިކޮޅު ޓީމަށްވެސް އައީ ސައިކޮލޮޖިކަލް ބަދަލެއް ”
މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫއެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ކުރިއަށްގެންދިޔަ ހަތަރުވަނަ އަހަރެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ “ޔޫ ސްޕޯޓްސް” އެވެ. ކޯ ސްޕޮންސަރުންނަކީ ދިރާގު، އެމް.ޑަބްލިއު.އެސް.ސީ، ރެޑްވޭވް އަދި އޭދަފުށީ ކެލިން ފިހާރަ އެވެ. މިފަހަރުވެސް މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.