[ނޯޓް: މިއީ މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ އޭދަފުއްޓަށް އުފަން ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕް)އާ ބެހޭގޮތުން ހަވީރު އޮންލައިނުގައި އައްޒާމު އަލިފުޅު މިއަދު ލިޔެފައިވާ ލިޔުމެކެވެ.]
މެޗަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ދެ ޓީމުގެ ކޯޗުންނަށް ނޫސްވެރިން ސުވާލުތައް އޮއްސާލާ ބައްދަލުވުމެކެވެ. އެކަމަކު ސާފް ސުޒުކީ ކަޕުގައި އިއްޔެ ބޫޓާން އަތުން 3-1 އިން ދިވެހިރާއްޖެ މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތައް އަހަންނަށް ވެސް އަމާޒުވި އެވެ. ދިވެހި ނޫސްވެރިއަކަށް ވުމުން، ރާއްޖޭގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އާ ބެހޭގޮތުންނެވެ.
“ރާއްޖެ ޓީމުގެ 16 އަކީ ކާކު؟ އެއީ ކޮން ކުޅުންތެރިއެއް؟ ކީއްވެ ކުރިން އޭނާ ގައުމީ ޓީމަށް ނުކުޅެނީ؟”
އެއީ ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށާއި އަދި ކިރިޔާ އުމުރުން 20 އަހަރު ފުރުނީ ކަމަށް ބުނީމެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައި، މިއަހަރު ގަވައިދުން ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށް ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ބުނީމެވެ.
“އެއީ ތަފާތު ކުޅުންތެރިއެއް. އެއީ ހަމަ އަޝްފާގް ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެއް. ތިން ހަތަރު ކުޅުންތެރިން ބީޓް ކޮށްފައި އެދަނީ ވަރުބަލި ކަމެއް ނެތި. އޭނާ އަކީ މުސްތަގުބަލުގައި އުޖާލާ ކުޅުންތެރިއެއް،” އިންޑިއާގެ ސީނިއާ ނޫސްވެރިޔަކު ބުންޏެެވެ.
އިންޑިއާގެ ބައެއް ނޫސްވެރިންނަށް އިއްޔެގެ މެޗަކީ ރާއްޖޭގެ ދަގަނޑޭ ކުޅުން ހަމަލޮލުން ފެނުނު ފުރަތަމަ ފަހަރެވެ. އެއާ އެކު އޭނާގެ ކުޅުމަށް ގިނަ ނޫސްވެރިން ތައުރީފުކުރި އެވެ. އެކަމަކު އެ އެންމެން ހައިރާންވީ ހަމްޕު ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިން ރާއްޖޭގެ ޓީމުގައި ތިބުމުންނެވެ.
“ކިތަންމެ ހުނަރުވެރި ކުޅުންތެރިޔަކަށް ވިޔަސް އަލަށް ކުޅޭއިރު ޖެހިލުންވުމެއް ހުންނާނެ. އެކަމަކު އެ ކުޅުންތެރިޔާ ފެނުނީ ވަރަށް ހަމަޖެހިލާފައި އެއްވެސް ހާސްކަމެއް ނެތި ކުޅުނުތަން،” އެހެން ނޫސްވެރިއަކު ބުންޏެވެ.
ހަމްޕުގެ ކުޅުމަށް ތައުރީފްކޮށް މީގެ ކުރިން ގައުމީ ޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޮޕޯފް އާއި ނިއު ރޭޑިއަންޓަށް މިދިޔަ އަހަރު ކޯޗުކޮށްދިން މިކާ ލޮންސްޓްރޯމް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ދެ ކޯޗުން ވެސް ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުކަމަށެވެ.
އިއްޔެ ބޫޓާން ކޮޅަށް ފުރަތަމަ ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ހަމްޕު އަށެވެ. ބޫޓާން އޭރިއާ ތެރެއިން ދަގަނޑޭ ހުސްކޮށްލާފައި ހަމްޕު އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްޕު ބުނީ ހުރިހާ ކުޅުންތެރިންގެ ވިސްނުމަކީ އިންޑިވިޖުއަލް ކުޅުން ދެއްކުމަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދުން ކަމަށެެވެ.
ގައުމީ ކޯޗު ރިކީ ހާބަޓް ވެސް ވަނީ އިއްޔެގެ މެޗުގައި ހަމްޕު އާއި އަހުމަދު އިމާޒް (އާއްކޮ) ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އަދި ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދެއްކުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުންޏެވެ.