ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް ޖެހިފައިއެވެ. އެގޮތުން، ރިމޯޓް އެޑިއުކޭޝަންއަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގުޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ޚާއްސަ އެޑިއުކޭޝަން ޒޯނެއް “އެޑިއު ޒޯން”ގެ ނަމުގައި ގާއިމުކޮށްފިއެވެ.
ދިރާގުން ބުނިގޮތުގައި އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެންނެވެ. އެގޮތުން، ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފައިއެވެ.
މި ޚިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ. ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗަރއިން ޖޮއިބޮކްސް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސަރނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު މި ކޮންޓެންޓްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެއެވެ.
ދިރާގުން ބުނިގޮތުގައ މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށްވެސް ބަލާލެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި “އެޑިއުޓެއިންމެންޓް” ޕެލެޓްފޯމެވެ. އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް އެކުލެވިގެންވެއެވެ. އަދި މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ. އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.
ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ކިޔަވާކުދިންނަށް ކޮންޓެންޓް ބަލާލެވުމުގެ ފުރުސަތު ހުޅުވައިދެއެވެ. އަދި މި ފީޗަރ ފަރުމާކުރެވިފައިވަނީ ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ “ހޯމް ސްކްރީން” ގައި ވާ ” އޮން ޑިމާންޑް” ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީޑީއޯ އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.
ދިރާގުން ބުނި ގޮތުގައި އެޑިއުޒޯން މެދުވެރިކޮށް އެ ކުންފުނިން މަސައްކަތްކުރަމުންދަނީ މި ދަނޑިވަޅުގައި ކިޔަވާކުދިންނަށް ރިމޯޓްއެޑިކޭޝަން މަގުފަހިކުރުމަށް އިތުރު އައު ގޮތްތަކާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުން ދަނީ އެޑި ޒޯންގައި ހިމެނޭ ކޮންޓެންޓް އިރުކޮށް ފުރިހަމަކުރަމަށް މަސައްކަތްކުރަމުންނެވެ.