ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް ފެންސީކޮށް

ކުރީގެ ސަރުކާރުން ރަށްރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުތަކުން ބ. އޭދަފުށީގައި އަޅަން ނިންމި ހޮސްޕިޓަލުގެ ކުރެހުން.-

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި އިމާރާތްކުރަން ހަވާލުކުރި ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް އަގު ބޮޑުކޮށް ކަމަށާއި އެ ތަންތަން އަޅަން ނިންމީ ނީޑް ބޭސް އަށް ބަލާފައި ނޫން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސްރުކާރުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހއ. ދިއްދު އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތައް އާއްމުކުރީ ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިރު ދުވަސްވަރު ފެބްރުއަރީ 27، 2020 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

އަމީން އޭރު ވިދާޅުވީ، އެ ތިން ހޮސްޕިޓަލްގެ އާ އިމާރާތްތަައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތް ނެތް ކަމަށެވެ.

“ހޮސްޕިޓަލަކަށް ވުރެ މާ ފުޅާ ވިސްނުމަކާ އެކީގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ހުރީ،” އަމީރު އޭރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ، ބޭނުމަށް ބަލައިގެން ހޮސްޕިޓަލްތައް އިމާރާތް ކުރުމުގެ ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުން މިހާތަނަށް ޑިޒައިން ކޮށްފައިވާ ކޮންމެ ހޮސްޕިޓަލަކީ ވެސް ވަރަށް އަގުބޮޑު އިމާރާތްތަކެއް މިނިސްޓަރު ވިދާޅުވި އެވެ.

އޭދަފުށީ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމުގެ ކުރެހުމެއް

އެހެންވެ، ވަރަށް “ފެންސީ”ކޮށް ކުރަހާފައި ހުރި ކުރެހުންތައް ރީޑިޒައިންކޮށް، ދައުލަތަށް ވެސް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރު ހުރި އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 50 އެނދުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 185 މިލިއަނަށް ވުރެ މަތީގައި މި އުޅެނީ. ތިރީސް ބެޑުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 95-135 މިލިއަނާ ދޭތެރޭގައި މި އުޅެނީ އަގުތައް މި ހުރީ.”

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑިޒައިނަށް ގެންނަ ބަދަލަކާ އެކު، އަގުތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އާދެ އެވެ. އެހެންވެ، ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް އަދި އާންމުން ބޭނުންވާ ހިދުމަތްތަތަކަށް ފެތޭ ގޮތަށް މި ސަރުކާރުން އާ ހޮސްޕިޓަލްތަކުގެ ޑިޒައިން ބަދަލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވެސް ހޮސްޕިޓަލުތަކުގެ ކުރެހުންތައް އާއްމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ބުނީ އެ ތަންތަން ހުރީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑުވާ ގޮތަށް ކަމަށެވެ. އެހެންވެ، ކުރެހުންތައް ރިވިއުކުރަން ނިންމީ ކަމަށް މިދިޔަ ސަރުކާރުންވެސް ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.