މާދަމާ ފަށާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖްގެ މެއިން ސްޕޮންސަރަކަށް މުޅި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ޑްރިންކް ކަމަށްވާ މައިލޯ ހަމަޖައްސައިފި އެވެ.
އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ދައުވަތުދީގެން ބާއްވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް މައިލޯ އިން ސްޕޮންސާކުރުމުން “އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް 2013” ގެ ނަމުގެ ކުރިއަށް މައިލޯ އިތުރުވާނެ އެވެ.
ފުލުހުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި ބާއްވައިފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާގޮތަށް ހަމަޖެހިފައިވަނީ ޓީމު ޑަބްލިޔު އޭސީ އާއި ޓީމު އެކަތަ އެވެ.
އޭޕްރިލް 1 އިން 6 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޔުޓިލިޓީ/އެސްޓީއޯ/ކޯޓް ގުޅިގެން ނަގާފައިވާ (އެކަތަ) އާއި ވަތަނިއްޔާ/އެޓޯލް ކައުންސިލް/މީޑިޔާ ސެންޓަރުން ކޮމްބައިންކޮށް ނަގާފައިވާ ޓީމް ޑަބްލިޔު.އޭސީ ލައްވާލީ ގުރޫޕް އޭ ގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު (އެފްޓީ ގްރުޖުއޭޓް) އެވެ. ގުރޫޕް ބީގައި އޮތީ ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް ގުޅިގެން ނަގާފައިވާ ފޭސް ބެޗް އާއި ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ ގުޅިގެން ނަގާފައިވާ (ޓީމު ޔުނައިޓެޑް) އެވެ.
އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހަވީރު އެވެ.