
ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިއަދު ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުން މިކަން ފަށާފައިވަނީ މިއަދު މެންދުރުފަހު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފުރަތަމަ ބުރުގެ ގޮތުގައި 33 ފަރާތަކަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. މިއީ 36 އަހަރަށްފަހު އޭދަފުށިން ދޫކުރާ 183 ގޯތީގެ ތެރެއިން ބައެކެވެ.

އޭދަފުށިން މިފަހަރު ދޫކުރާ ގޯތިތަކަށް އެދި 525 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ގުރުއަތުލުމަކުން ކަމަށްވާއިރު، ގޯތީގެ ލިޔުން ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ.

އާބާދީގައި 3،500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. މިފަހަރު ގޯތި ދޫކުރަނީ 2015 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކި 26 ހެކްޓަރުގެ ބިމުންނެވެ.
އެ ބިމުން ގޯތި ދޫކުރުމަށް 2019 އަދި 2020 ވަނަ އަހަރު ވެސް ހުޅުވާލި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އޭރު ގޯތި ދޫކުރުން ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މިހާރު ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފެށުމާއެކު، ގޯތި ލިބޭ ފަރާތްތަކަށް އެ ބިންތަކުގެ ޤާނޫނީ މިލްކުވެރިކަން ލިބިގެންދާނެއެވެ.