އޭދަފުށީގައިހުރި ސަރުކާރު އޮފީސް / ކުންފުނިތަކަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ މައިލޯ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގެ ގްރޫޕް ދޭއްގައި ޑަބްލިޔު އޭސީ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފި އެވެ.
ހަ ޓީމު ވާދަކުރާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޑަބްލިޔު އޭސީ ބައްދަލުކުރީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމާ އެވެ. ތައުލީމީ މަރުކަޒު އަތުން ޑަބްލިޔު އޭސީ މޮޅުވީ ތަފާތު ބޮޑުކޮށް 5-1 ލަނޑުންނެވެ. ޑަބްލިޔު އޭސީ އަށް މުހައްމަދު ފާސިރު ތިން ގޯލު ކާމިޔާބުކުރި އިރު ފަތީން ޚާލިދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ތައުލީމީ މަރުކަޒުގެ ޓީމަށް ލަނޑު ޖަހައިދިނީ ޒިޔާދު އަލީ އެވެ.
ހަވީރު ކުޅުނު ދެވަނަ މެޗުގައި ޓީމު ޔުނައިޓެޑްއާ ބައްދަލުކޮށް ފޭސް ބެޗް މޮޅުވީ 4-1 އިންނެވެ. މި މެޗުގައި ބެންކް/ހޮސްޕިޓަލް/ޖެންޑާ/ރަށު ކައުންސިލް ގުޅިގެން ނަގާފައިވާ ފޭސް ބެޗް ޓީމަށް އިޝާން އިބްރާހިމް ދެ ލަނޑު ޖަހައިދިންއިރު ތޮލާލު އާއި އަލީ ރަޝީދުވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޔުނައިޓެޑް ވީ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަރީފު (މެސީ) އެވެ.
މި މުބާރާތުގެ ގްރޫޕް ދޭއްގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ތައުލީމީ މަރުކަޒު އާއި އީ-ކަތަ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ފޭސް ބެޗް އާއި އޭދަފުށީ ޕޮލިސް އެވެ.
މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.