ބ. އަތޮޅު ހިމެނޭގޮތަށް އުތުރުގެ 4 އަތޮޅެއްގައި މުރަކަ ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ކުރަން މެރިން ރިސާޗް ސެންޓަރުން ފަށައިފި އެވެ.
އެ ސެންޓަރުން ބުނި ގޮތުގައި ނ. ރ. ބ. އަދި ޅ އަތޮޅުގައި މިމަހުގެ 26 ން ފެށިގެން އަންނަ މަހުގެ 6 ގެ ނިޔަލަށް ކުރިއަށްގެންދާ މި ދިރާސާގައި މި 4 އަތޮޅުގައި މުރަކަތަކުގެ ދިރުމުގެ ޙާލަތު ބައްލަވާނެ އެވެ.
މި ދިރާސާ ކުރިޔަށްގެންދަނީ މެރިން ރިސާޗް ސެންޓަރާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިތުރުން އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) މޯލްޑިވްސްގެ ފަންނީ މާހިރުންގެ ޓީމަކުންނެވެ.
މި ދިރާސާތަކުގައި މުރަކަ ހުދުވުމުގެ ސަބަބުން ފަރުތަކަށްލިބޭ ގެއްލުމާއި ފަރުތަކުގައި ދިރިއުޅޭ މަސްމަހާމެހީގެ ބާވަތްތަކާއި އެހެނިހެން ދިރުންތަކަށް ކުރާ އަސަރަ ދެނެގަތުމުގެ އިތުރުން މުރަކަ ފަރުތަކުން އާއްމުގޮތެއްގައި ގިނަ އަދަދަކަށް ފެންނަ ގާހަކައިގެ ބާވަތްތަކާއި، އެކި ބާވަތްތަކުގެ މުރަކައިގެ ތަފްސީލީ ދިރާސާތަކެއް ކުރާނެ ކަމަށްވެސް މެރިން ރިސާޗް ސެންޓަރުން ބުންޏެވެ.
މި ދިރާސާގައި މި އަތޮޅުތަކުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ އިތުރުން މީހުން ދިރިނޫޅޭ ރަށްރަށުގައި އީޕީއޭގެ ފަރާތުން އެއްގަމުގެ ބައެއް ދިރާސާތައްވެސް ކުރިޔަށް ގެންދާނެ އެވެ.