ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިކޮށްގެން ދިރާގު އީދު ޝޯ މާދަމާރޭ އޮންނާނެ އެވެ.
މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ އީދު ޝޯ އޮންނާނީ މާމަދާ ރޭ 8:30 އިން 12:00 އަށް އެކުވެނި ޓްރެކް ދަނޑުގައި ކަމަށެވެ.
މި އަހަރުގެ ޝޯގައި ހައިޝަމް ތައުފީގާއި އޭނާގެ ބޭންޑް، މޯލްޑިވިއަން އައިޑްލް އިން ވިދާލި އަހުމަދު އިޝާނާއި މުހައްމަދު ޒަލީފް، ޑީޖޭ ފާރިހް (ޑީޖޭ އަލްފީ) އަދި ހަރުބީ ބޮޑު ބެރު ގުރޫޕްގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
“ދިރާގުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންނަށް އެ ކުދިންގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކު ވެސް ބިނާ ކުރުން،” ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޖެހިޖެހިގެން ހަ އަހަރު ބޮޑު އީދާ ދިމާކޮށް ޝޯ ބާއްވާފައި ވާއިރު، އެ ޝޯ އަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އީދު ޝޯ އަށް ވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޝޯ އަށް 7،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ އީދު ޝޯ އިންތިޒާމް ކުރަނީ އިވެންޓް މެނޭޖްމަންޓުގެ ދާއިރާގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ތިންކް މޯލްޑިވްސް އިންނެވެ.