
އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ “ލިވް އަންލިމިޓަޑް” ކެމްޕެއިންގެ ދަށުން، އެ ކުންފުންޏާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކެމްޕެއިންގެ ދަށުން މިހާތަނަށް 8 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، ކެމްޕެއިންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
މި ޑްރޯގައި ބައިވެރިވުމަށް ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ. އެގޮތުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަންޖެހޭއިރު، އަލަށް ގުޅޭ ކަސްޓަމަރުން މަދުވެގެން 400 ރުފިޔާ ހަރަދުކުރަން ޖެހެއެވެ. އަދި އުރީދޫގެ ހިދުމަތް 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރަންޖެހެއެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އަޅުގަނޑުމެންގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުމެވެ.
“މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަމެވެ” ކަމަށެވެ.”
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މި ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.