މުޙައްމަދު އަފްރާޙް
އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗަރ މިއަދު އަވަހާރަ ވެއްޖެއެވެ. ” އަޔަން ލޭޑީ “ގެ ނަމުން މަޝްހޫރުވެފައިވާ ތެޗަރ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެންނެވެ. އަވަހާރަވި އިރު ޢމުރުފުޅަކީ 87 އަހަރެވެ.
އިނގިރޭސި ވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ލީޑަރު ފަސްދާނުލެވުމަށް ހަމަޖެހިަފައިވަނީ ރަސްމީ ޢިއްޒަތުގަ އެވެ.
ތެޗަރ އަވަހާރަވި ޚަބަރު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އަށް ލިބިވަޑައިގަތުމުން، އެމަނިކުފާނު މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކުރުކޮއްލެއްވުމަށް ފަހު، ލަންޑަނަށް އެނބުރި ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ކެމަރަން ވިދާޅުވި ގޮތުގައި ” ލޭޑީ ތެޗަރ އަވަހާރަވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތާމައެއް ” ކަމަށާއި ” ގެއްލިގެން އެ ދިޔައީ އަގުހިރި ލީޑަރެއް ” ކަމަށެވެ.
އިނގިރޭސި ވިލާތުގައި 1979ން 1990 އަށް ބޮޑުވަޒީރުކަން ކުރެއްވި ތެޗަރ މި ފަހަކަށް އައިސް ޢާއްމު ތަންތަނަށް ނުކުމެ ވަޑައިގަންނަވަނީ ވަރަށް މަދުން ނެވެ. ކުރިންވެސް މައިނާ ސްޓްރޯކެއް ޖެހިވަޑައިގަތުމާއި ގުޅިގެން ޑޮކްޓަރުން ވަނީ ތެޗަރ އަށް ޢާއްމު ތަންތަނުގައި ތަޤްރީރު ކުރެއްވުން މަނާ ކޮއްފަ އެވެ. އެކަމަނާ އެންމެ ފަހުން ހޮސްފަތާލުން ފަރުވާ ހޯއްދަވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުއެވެ.
މާގަރެޓް ތެޗަރ އުފަންވެ ވަޑައިގަތީ އިނގިރޭސި ވިލާތުގެ އިރުމަތީގެ އަވަށެއް ކަމުގައިވާ ގްރާންތަމްގައި 13 އޮކްޓޯބަރ 1925 ގައެވެ. އޮކްސްފޯޑް ޔުނިވަރސިޓީ އިން ކެމިސްޓްރީން ޑިގްރީ ހާސިލް ކުރައްވާފައިވާ ތެޗަރ ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ، ޑެނިސް އާ 1951 ވަނަ އަހަރު ކައިވެނި ބައްލަވާގެންފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން އެއްމާބަނޑު ދެބެން ލިބިވަޑައިގަތެވެ. ޑެނިސް އަވަހާރަވެފައިވަނީ 2003 ވަނަ އަހަރު އެވެ.
ކޮންޒަވެޓިވް ޕާޓީގެ ކުރީގެ ލީޑަރަކީ 20 ވަނަ ގަރުނުގެ ތެރޭގައި ޑައުނިންގ ސްޓްރީޓްގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ލީޑަރެވެ.
ހައުސް އޮފް ކޮމަންސް އަށް ތެޗަރ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 1959 ވަނަ އަހަރުއެވެ.
ތެޗަރ އަވަހާރަވި ޚަބަރާއެކު ދުނިޔޭގެ ލީޑަރުން ގެންދަވަނީ ތަޢުޒިޔާގެ މެސެޖުތައް ފޮނުވަމުން ނެވެ.