މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަތްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ނިންމައިފިއެވެ.
ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި މި ހިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.
ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމްކުރެވިގެން ދިޔުމާއެކު މި ހިދުމަތްވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ހިދުމަތަކަށްވެފައެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.
ކަސްޓަމަރުންނަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެއެވެ. މި ހިދުމަތަކީ ބީއެމްއެލް ގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތައާރަފް ކުރެވުނު ހިދުމަތެކެވެ. ކޭޝް އެޖެންޓް މެދުވެރިކޮށް ނެގޭނީ ދުވަލާކު 2،000 ރުފިޔާ އަދި ޖަމާކުރެވޭނީ ޖުވާލަކު 10،000 ރުފިޔާ އެވެ.
މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.