މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ފޯސީޒަންސް މޯލްޑިވްސް ގެ ރިސޯޓްތަކުން ކޮންމެ މުވައްޒަފަކަށް 1،946.18 ޑޮލަރު (30،000ރ.) ދީފި އެވެ.
ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރާ “ރިސޯޓް ވޯކާސް މޯލްޑިވްސް” ގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން، މިއީ މިހާތަނަށް އެ ޕޭޖަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ.
ފޯސީޒަންސް އިން ރާއްޖޭގައި ތިން ރިސޯޓު ހިންގަ އެވެ. އެއީ ބ. އަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓާއި އެ ރިސޯޓާ ކައިރީގައި އޮންނަ “ވޯވަށް” ގެ އިތުރުން ފޯސީޒަންސް ކުޑަހުރާ ރިސޯޓެވެ.
މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހީ ޝެވަލް ބްލާންކް ރަންދެލިންނެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 2،383 ޑޮލަރު (36،745ރ.) ދީފަ އެވެ.
ސާވިސް ޗާޖުގެ ލިސްޓުން ތިންވަނައިގައި އޮތީ ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން ވަނީ މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،916.69 ޑޮލަރު (29،555ރ.) ދީފަ އެވެ.
ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަނީ ރިސޯޓުތަކުގެ މުވައްފުން ދޭ މައުލޫމާތުގެ މައްޗަށެވެ. ބައެއް ރިސޯޓުތަކުން މި މަހު ސާވިސްޗާޖު ބެހި އަދަދުތަކެއް ހާމައެއް ނުކުރެ އެވެ.
މި މަހުގެ މިހާތަނަށް ސާވިސްޗާޖުގެ މައުލޫމާތު އާއްމުކޮށްފައިވާ ރިސޯޓުތަކުގެ ތެރެއިން ބ. އަތޮޅުގެ ގިނަ ރިސޯޓުތަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސްޗާޖެއް ބަހައިފަ އެވެ.