ގޮއިދޫ ކޯޓްގެ މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

އައްޔަން ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ވަޒީފާއަށް ނިކުތް ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ މަގާމުން ވަކިކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވައިފިއެވެ.

ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު އެ ކޯޓަށް ވަޒީފާއަށް ނުކުންނަން އަންގާފައި ވީނަމަވެސް އޭނާ ނުކުންނަމުން ގޮސްފައި ވަނީ އޭނާއާ ހަވާލުކޮށްފައިވާ ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ސުލީކީ މައްސަލައެއް ވަނީ ސާބިތު ވެސް ވެފައެވެ. އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން  އޮތީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިޝާރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތާއެކު މަސައްކަތްކޮށްފައިކަމުގެ ސުލޫކީ މައްސަލައެއް ސާބިތުވެ، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އުސޫލު ބުނާގޮތުން މެޖިސްޓްރޭޓް ނުކުންނަން ޖެހޭނީ އޭނާ އައްޔަން ކޮށްފައިވާ ކޯޓަށެވެ. ހަވާލުކޮށްފައިވާ ކޯޓަށް ދާން ޖެހޭނީ މައްސަލަތައް ބެލުމަށް އެކަންޏެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް ނިޝާރުގެ މައްސަލައެއް ބަލާފައެވެ. އެފަހަރު ޖޭއެސްސީން ބަލާފައިވަނީ ނިޝާރުއާ ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ. ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އޭނާ އެ ގަޒިއްޔާ ކުރިއަށް ގެންދިޔަ މައްސަލައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.