މިދިޔަ އަހަރު ފެށި 2023- 2024ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންނަށް މިއަދު ރިޕޯޓު ފޯމު ދީފިއެވެ.
ހުރިހާ ސްކޫލެއްގައި ވެސް މިއަދު ވަނީ ރިޕޯޓް ފޯމްދީފައެވެ. މިއީ އަހަރުގެ މެދުތެރޭގައި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނެ ފަހަރެވެ.
ދެން ދިރާސީ އަހަރު ފެށޭނީ އަންނަ މަހުގައެވެ. އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ މި އަހަރުގެ ސެޕްޓެމްބަރު 26 ގައެވެ.
މި އަންނަ އޮކްޓޯބަރު ހައެއްގައި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ އޭޕްރިލް ހައެއްގައެވެ. ނަމަވެސް މުދައްރިސުން އޭޕްރީލް ތިނެއްގައި ނިކުންނަންޖެހޭ ކަމަށް ކަލަންޑަރުގައި ވެއެވެ.
ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް، ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމާފައެވެ.