ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިއްޖެ

ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި. –ފޮޓޯ:އެމްޓީސީސީ

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެ އެވެ. އަދި 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާފައިވެ އެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައި ވަނީ 22.1 މިލިއަން ރުފިޔާ އަށެވެ.

1200 މީހުންގެ އާބާދީގެ ދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑު ބަޔެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.

ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި. –ފޮޓޯ:އެމްޓީސީސީ

ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މި ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ.

އެގޮތުން ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، މިކަންވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ.

ނަމަވެސް މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ދަރަވަންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި އެމްޓީސީސީން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.