
ބ. ތުޅާދޫގައި ހޮސްޕިޓަލް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މަސައްކަތް ފެށުމުގެ ގޮތުންމިދިޔަ ހޯމަ ދުވަހު ސައިޓު މޮބަލައިޒް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ސިއްހީ ނިޒާމް އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްދާ މަޝްރޫއުގެ ތެރެއިން ތުޅާދޫގައި ހަދަން ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
މިއީ 144.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ސާވިސް ބްލޮކަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ބުރީގެ އިމާރާތެއް ހަދާނެ އެވެ.
ތުޅާދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވި އިރު, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އޭދަފުއްޓަށް ވަޑައިގެން މިރަށުގައި ތިބި އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ޖޫން މަހުގެ ތެރޭގައި އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

