
އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އަހަރާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނޭހެން ރާއްޖޭގެ 28 ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން (މަސައްކަތް ދަސްކޮށްދޭ ލެބްތަކެއް) ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ދަސްކޮށްދޭން ދެ ލެބް ހުންނާނެ ކަމަށެވެ.
“އެކި ސްކޫލްތަކުގައި ހުންނާނީ އެކި ކަހަލަ ލެބް. މިސާލަކަށް ބައެއް ސްކޫލްތަކުގައި ކާޕެންޓްރީ ލެބެއް ހުރިއްޔާ އަނެއް ބައި ސްކޫލްގައި ހުންނާނީ އޭސީ ރިޕެއާ ލެބެއް. އަނެއް ސްކޫލްގައި ތަފާތު ލެބެއް.” ރަޝީދު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ވޮކޭޝަނަލް ޓްރޭނިން ފެށުމަށް މިހާރު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ކޮންސަލްޓެންޓެއް ނެގުމަށް ފަހު ސިލަބަސް އަދި ހޭންޑްބުކް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދޭން މިހާރު ވެސް ލެބްތައް ގާއިމް ކޮށްފައި ހުރެ އެވެ.

