
ދޮޅު މަސް ދުވަހުގެ ޗުއްޓީ އަކަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން 84،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި 73،000 ކުދިންނެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގްރޭޑް އެކަކަށް އަލަށް މިއަހަރު 7،000 އަށް ވުރެ ގިނަ ކުދިން ވަނީ ވަދެފައެވެ. އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއެވެ.

