
އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓްކޮށްފި (ބޭނުންކުރެވޭގޮތް ހަދައިފި) އެވެ.
މިކަމާގުޅިގެން އުރީދޫއިން ބުނީ، ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އީފާސް އިންޓަގްރޭޓް ކުރުމަކީ އުރީދޫ މޯލްޑިވްސްގެ އަގުހުރި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކިއެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ ހިދުމަތްތަކަށް އީފާސް ބޭނުންކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އީފާސް އިންޓެގްރޭޝަން، އުރީދޫގެ ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެއް ކަމަށެވެ.
އަދި އުރީދޫއިން މަސައްކަތް ކުރަމުން ދަނީ، ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އެކުންފުނީގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަންކަމަށް ވެސް ޚާލިދު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޙިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާގޮތުގެމަތިން އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.
ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމްއަކަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގިން ކޮށް ޙިދުމަތައް އެދެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އުރީދޫގެ ހުރިހާ ޙިދުމަތަކަށްވެސް އެދެވޭނެއެވެ.
މި ސްޓްރެޓެޖިކް އިންޓަގްރޭޝަނާއެކު، ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭފަދަ ރައްކާތެރި އަދި މެދުކެނޑުމެއް ނެތް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދެއެވެ.

