
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ އިންތިޚާބުގެ ކެމްޕޭނަށް، ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ މިއަތޮޅު ފުޅަދު އަށެވެ.
ފުޅަދު އަށް ފަހު ރައީސް ދެން ވަޑައިގަންނަވަން ހަމަޖައްސާފައި ވަނީ ތުޅާދޫ ދާއިރާގައި ހިމެނޭ ފެހެންދޫ އާއި ގޮއިދޫ އަދި ތުޅާދޫ އަށެވެ.
ރައީސް މިދަތުރުފުޅުގައި މި އަތޮޅުގެ ގިނަ ރަށްތަކަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދައުރުގެ ތެރޭގައި ބ. އަތޮޅަށް ފުރިހަމަވި ކަންކަމުގެ އިތުރުން ދެ ވަނަ ދައުރަކަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނަށް ހާމަކުރައްވާނެ އެވެ.
މިދަތުރުފުޅުގައި ރައީސް އޭދަފުއްޓަށް ވަޑައިންނަވާގޮތަށް ޝެޑިއުލްކޮށްފައި އޮތީ މެންދުރު 1:00 ގަ އެވެ.

