
ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހަދައިދީ، ފެހެންދު އަށް ގިނަ ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުޅަދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ގޮއިފުޅަ ފެހެންދޫ ފަޅުގައި އޮންނަ ގޮނޑުދޮށަކީ މުޅި ދުނިޔެއަށް މަޝްހޫރު ބީޗެއް ކަމަށާއި އެތަން ބަލާލަން މުޅި ދުނިޔޭގެ އެކި ސަރަހައްދުތަކުން މީހުން އަންނާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ތަން ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށް ހުޅުވާލާނެ ކަމަށެވެ.
“(ގޮއިފުޅަ ފެހެންދޫ ފަޅުގައި ރިސޯޓެއް ހަދަން) އިންޓްރެސްޓް ނަގާނެ އެތައް ބަޔަކު މި ދާއިރާގައި ތިއްބަވާނެ. މިއަށްވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް މި ސަރަހަދަކު ނޯންނާނެ،” ރައީސް ވިދާޅުވި އެވެ.

ފުޅަދުއަށް ރައީސްގެ ވައުދުތައް:
– ފަޅުތެރޭގައި ރިސޯޓެއް ހެދުން.
– ފްލޯޓިން ޖެޓީ.
– އިންޑޯ ވޮލީ ކޯޓެއް.
– ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުން.
– ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް.
– ސަރުކާރުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުން.
– ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުން.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު އެއް ބީޗު އޮތީ ބ. އަތޮޅުގައި ކަމަށެވެ. އަތިރިމަތި ބަލާލުމަށް ވެސް ގިނަ ބަޔަކު އަންނާނެ ކަމަށާއި އެއާއެކު، ރަށުގެ އިގުތިސޯދު ތިން ގުނަ ވާނެ ކަމަށް، ލޯކަލް ޓޫރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ފުޅަދޫގައި ރައީސް ވިދާޅުވި އެވެ.
ރިސޯޓުގެ އިތުރުން، ފުޅަދޫގައި ބޭނުންކުރާ ކުދި ޑިންގީތަކާއި ދޯނިތައް އެޅުމަށް ފްލޯޓިން ޖެޓީއެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވީ މިއީ މުސްތަގްބަލަށް މި ރަށް ތަރައްގީވެ، މި ރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ވެސް ލިބޭނެ ފުރުސަތަަކަށްވާނެ ކަމަށެވެ.

