
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރުވެސް އެމަނިކުފާނަށް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރ. އަނގޮޅިތީމަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށަކުން ވެސް ފެންނަނީ ކުރިން އޮތް ބިރުވެރިކަމާއި އަނިޔާގެ ތެރެއަށް ދާން ބޭނުން ނުވާ މަންޒަރާއި ރަށްރަށުގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށްދާން ތައްޔާރަށް ތިބި މަންޒަރު ކަމަށެވެ.
މިހާ ހިސާބަށް މި ދެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި މި މަސައްކަތް ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް، ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ވިސްނައިގެން ކުރިއަށް ދިޔުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި އިންތިހާބު އެއް ބުރުން ނެގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
“ފުރިހަމަ ޔަގީންކަން އެބަ އޮތް މި އިންތިހާބު އެއްބުރުން ނެގޭނެ ކަމަށް. 90 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް މިއަދު ވެސް މިތިބީ 130,000 ވޯޓު ކަށަވަރު ކޮށްގެން. މިއަކީ އެއްވެސް ވާދަވެރިޔަކަށް ކުރިއަށް އޮތް ތަނުގައި އަރާ ހަމަ ކުރެވޭނެ އަދަދެއް ނޫން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީއޭ އާއި އަދާލަތާއެކު އެމަނިކުފާނުގެ ކޯލިޝަނަކީ އެންމެ މެންބަރުން ގިނަ ކޯލިޝަން ކަމަށާއި ކޯލިޝަނަކާއެކު ސަރުކާރެއް ހިންގާ އިރު، ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ގައުމަށް ފައިދާ ވާނީ އެކި ހިޔާލުތަކާއެކު ކުރިއަށް ދިއުމުން ކަމަށެވެ. އެގޮތުން އަންނަ ދައުރެއްގައި ވެސް މަސައްކަތްތައް ކުރަމުންދާނީ އެގޮތުގެ މަތިން ކަމަށްވެސް ވިދާޅުވި އެވެ.

