
ލޯކަލް ޓޫރިޒަމަށް ފަތުރުވެރިން ގެނައުމަށް ބ. ފުޅަދޫއާއި އެ އަތޮޅު ފެހެންދޫ އަދި ގޮއިދޫއަށް އެއާޓެކްސީގެ ހިދުމަތް ފަށަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުވެވަޑައިގެންފި އެވެ.
މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު އިގްތިސާދުގެ ތެރެއިން ފަހިކޮށްދިނުމަކީ އޭނާގެ ވެރިކަމެއްގައި އިސްކަންދެއްވާނެ ކަމެއް ކަމަށެވެ.
އެގޮތުން ފުޅަދޫގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކޮށް ގެސްޓްހައުސްތައް އިތުރުވަމުން އަންނައިރު އެކަމަށް އެހީތެރިކަން ދީ، އެ ދާއިރާ ކުރިއަށްގެންދިއުމަށް ފަހި ގޮތްތައް ހޯދައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ފުޅަދޫގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެރަށުގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓްރާންސްޕޯޓު ނުވަތަ ފަތުރުވެރިން އުފުލުމުގައި ދިމާވާ ދަތިތަކެވެ.
އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެ، ވެރިކަން ލިބިއްޖެ ނަމަ ދަތުރުފަތުރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެ ސަރަހައްދަށް އެއާޓެކްސީ ދަތުރުތައް ފަށައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އެރަށުގެ ތައުލީމާ ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރައްވައި އެރަށުން އެދުނު ފަދައިން ސަރުކާރުގެ ޚަރަދުގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

