
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިއަދު ފަށައިފި އެވެ.
ވޯޓްލާން ފަށާފައި ވަނީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00ގެ ނިޔަލަށެވެ. ފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.
ވޯޓްލާންދާ އިރު، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ބޭނުންވާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އައިޑީ ކާޑު، ލައިސަންސް ކާޑު، ޕާސްޕޯޓް އަދި ޕާސްޕޯޓް ކާޑެވެ. އެ މީހަކު ވޯޓްލާ ފޮށި ކަށަވަރުކުރުމަށް VR (A00000) ޖަހާފައި 1414 އަށް އެސްއެމްސްކުރުމުން އެކަން ސާފުވާނެ އެވެ.
މިއިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 282،804 މީހުންނަށް ލިބޭއިރު މީގެ ތެރޭގައި 144،410 ފިރިހެނުންނާއި 138،394 އަންހެނުން ހިމެނެ އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުޅިން އަލަށް 408 މީހުން ވޯޓުލާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުނެގުން އޮންނާނީ މިއަދު ހެނދުނު 8 ން ހަވީރު 5 އަށް.
— Ismail Habeeb (@IsmailHabeeb) September 30, 2023
ގަޑި އިތުރު ނުކުރާނެ.
ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކުރައްވާ!#visnun23 @ElectionsMv pic.twitter.com/KGRVdYGGrX
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

