
މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، ހެޔޮ ވެރިކަމެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާވެރި އިހްސާސްކުރެއްވޭ ކަމަށެވެ. އެ ވާހަކަ ރައްޔިތުން އަދި ފަހުން ދައްކާނެ ތަން ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.އެކަމަކު، ރައްޔިތުން އިންތިހާބުގައި ގޮތް ނިންމެވުން އެކަން ގަބޫލުކުރައްވާ ކަަމަށާއި އެ ނިންމުމާ އެއްގޮތަށް ވެރިކަން ބަދަލުކުރުމުގެ ކަންކަން ސަރުކާރުން ފައްޓާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އެ ކަމާ ދޭތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގައި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރުވާނެ ގޮތް ބައްލަވައިގެން ނޫން ކަމަށާއި ގައުމީ ތަރައްގީއަށް އެންމެ މުހިއްމުވާނެ ކަންކަމަށް ފޯކަސް ކުރައްވައިގެން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވޯޓު ނުލިބޭނެކަން ރަނގަޅަށް އެނގިހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ވޯޓު މީހުން ދެނީ ކީއް ކޮށްގެން ކަން. ރަށްރަށުގެ ތަރައްގީއަށް މިކުރާ ކަންކަމާ މާ ބޮޑު ގުޅުމެއް އޮތް ކަމެއް ނޫން. އެކަން އަޅުގަނޑުމެންނަށް އެނގިހުރެ އެކަން ކުރީ ވެސް،” އެ މަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންތިހާބީ ސަރުކާރުގެ ކިބައިން ދެ ކަމަކަށް އެދިލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންނަ ސަރުކާރުގެ ކިބައިން އެދެނީ، ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ގައުމީ ތަރައްގީއަށް މި ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންގޮސްދެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ލިބިލައްވާފައި ހުންނެވި ތަޖުރިބާއާއި އިލްމެއްގެ އަލީގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ.

